މެލޭޝިޔާއަށް ދިޔަ ފްލައިޓުގައި ހަތް ޓަނުގެ ކާގޯ އާއި މެލޭޝިޔާ ބަޔަކު ގެންދިޔަ

މޯލްޑިވިއަންއިން އިއްޔެ މެލޭޝިޔާގައި ތިބި ދިވެހިން ބަލާ ދިޔަ ފްލައިޓުގައި ރާއްޖޭގައި ތިބި31 މެލޭޝިޔާ ރައްޔިތުން ގެންދިޔަ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު...

08 Apr 2020 | 03:10

މޯލްޑިވިއަންއިން އިއްޔެ މެލޭޝިޔާގައި ތިބި ދިވެހިން ބަލާ ދިޔަ ފްލައިޓުގައި ރާއްޖޭގައި ތިބި31 މެލޭޝިޔާ ރައްޔިތުން ގެންދިޔަ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެމީހުންނަކީ މެލޭޝިޔާ ސަރުކާރުން އެދިގެން ގެންދިޔަ ބައެއް ކަމަށެވެ. އެމީހުންނަކީ މިވަގުތު ރާއްޖޭއަށް އެކި މަސައްކަތުގައި އާއި އެނޫންވެސް ބޭނުންތަކުގައި އައިސް ތާށިވެފައި ތިބި މީހުން ކަމަށެވެ.

މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވަން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ތަކެތި ފޮނުވަން ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ އާއިލާތަކަށް ފޮނުވާ ތަކެތީގެ ގޮތުގައި ހަތް ޓަނުގެ ކާގޯ އެ ދަތުރުގައި މެލޭޝިޔާއަށް ގެންދިޔަ ކަމަށެވެ.

ދިވެހިން ބަލާ ރާއްޖެއިން ބޭރަށް މިހާތަނަށް ތިން ދަތުރު ކޮށްފައިވާއިރު މެލޭޝިޔާ ދަތުރަކީ ރާއްޖެއިން މީހުން ގެންދިޔަ ފުރަތަމަ ދަތުރެވެ. ސްރީލަންކާ އަށާއި އިންޑިއާގެ ކޮޗިންއަށް ކުރި ދަތުރުގައި މާލެއިން އެ ތަންތަނަށް ދިޔައީ އެއްވެސް ފަސިންޖަރަކު ނެތި ކަމަށް މީގެ ކުރިން ވަސީމް ވިދާޅުވި އެވެ.

އޭނާ އޭރު ވިދާޅުވީ ހުސް ދަތުރެއް އެގޮަތަށް ކުރަން ޖެހުމަކީ ވަރަށް ހަރަދު ހިނގާކަމެއް ކަމަށެވެ.

މޯލްޑިވިއަންއިން ވަނީ ދެން އެއާލައިނުން ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފައި އެވެ.

މިމަހުގެ11 ވަނަ ދުވަހު މޯލްޑިވިއަން އިން ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެންނަން ދަތުރެއް ކުރާނެ އެވެ. ޓްރިވެންޑްރަމް ދަތުރުގައި ނެގުމަށް ހަމަޖެހިފައިވަނީ ޓިކެޓަކަށް199 ޑޮލަރެވެ.

މި ދަތުރުތައް ހުއްޓާލާނީ ބޭރުގައި ތިބި ހުރިހާ ދިވެހިން ގެންނަން ސަރުކާރުން އެންގިޔަސް އެ ހުރިހާ ދަތުރުތަކެއް ކޮށްފައި ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް