އިންޑިއާގެ ބޮލީވުޑް ފިލްމުތަކުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް އިންޑިއާގެ ލޮކް ޑައުންއާއި ގުޅިގެން އާމްދަނީ ލިބޭނެ މަގު ބަންދުވެ ހާލުގައި ޖެހުމުން ބޮލީވުޑްގެ ތަރިން އެހީ ދޭން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބޮލީވުޑް ފިލްމުތަކުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ 25،000 މުވައްޒަފުން ފެޑަރޭޝަން އޮފް ވެސްޓާން އިންޑިއާ ސިން އެމްޕްލޯއީސްގައި ރަޖިސްޓްރީކޮށްފައި ވެއެވެ. މީގެ ތެރެއިން 6،000 މީހުން ބުނެފައިވަނީ އެމީހުންނަށް މި ދަނޑިވަޅުގައި އަމިއްލައަށް ހަރަދުތައް ހަމަޖައްސައިގެން އުޅެވޭވަރު ވާ ކަމަށެވެ.
ބާކީތިބި 19،000 މަސައްކަތު މީހުންނަށް ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ބުނުމުން އެންމެ ފުރަތަމަ އިސްނެގީ ބޮލީވުޑްގެ ޕްރޮޑިއުސަރުން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ އާއި ސަލްމާން ހާން އަދި ފިލްމު ސްޓޫޑިއޯއަކުންނެވެ.
ޕްރޮޑިއުސަރުންގެ ޖަމިއްޔާއިން އެމީހުންގެ މުސާރައަށް1.5 ކްރޯޑް ރުޕީސް ދީފައިވާއިރު ފިލްމު ސްޓޫޑިއޯއަކުން ވަނީ3،000 މުވައްޒަފުންނަށް، ކޮންމެ މީހަކަށް5،000 ރުފިޔާ ދީފައި އެވެ. ސަލްމާން ހުށަހެޅީ25،000 މީހުންނަށް ފައިސާ ދޭށެވެ.
އެކަމަކު އޭގެތެރޭގައި އެހީތެރިކަން ބޭނުން ނުވާ މީހުން ތިބުމުން ސަލްމާން ފައިސާގެ އެހީ ދޭން ޖެހެނީ19،000 މީހުންނަށެވެ. އެ އެންމެންގެ އެކައުންޓު މައުލޫމާތުތައް މިހާރު ސަލްމާންއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއަށް ކުރިމަތިވަމުންދާ ގޮން ޖެހުންތަކުން އަރައިގަތުމަށް ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ވަމުން ދަނީ އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސިޔާސީ ވެރިންނަށް އާންމުންގެ ފަރާތުން ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް