މާލޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގަ ހުއްޓާލަނީ

މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދިނުން އަންނަ ހަފްތާގައި ހުއްޓާލަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އާ އިމ...

08 Mar 2021 | 17:40

މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދިނުން އަންނަ ހަފްތާގައި ހުއްޓާލަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ މިހާރު ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދިނުން މިމަހުގެ 15 ވާ ހޯމަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިއުމަށެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ފަހުގައި ދެން މާލެ ސަރަހައްދުގައި ފަށާނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދިނުން ކަމަށެވެ.

ނަސީމް ވިދާޅުވީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ފެށިތާ ދުވަސްކޮޅެއްވެ އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދެ ވަނަ ޑޯޒް ދިނުން ފައްޓަން ޖެހޭ ކަމަށާއި ބަލީގެ ރައްކާތެރިކަން ލިބުމުގެ ބައި ފުރިހަމަވެގެންދާނީ އޭރުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ލަފާ ކުރައްވާގޮތުގައި މިމަހުގެ 15ގެ ނިޔަލަށް މާލޭގައި 18 އަހަރުން މަތީގެ 75-80 ޕަސެންޓު މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ނިންމާލެވޭނެ އެވެ.

އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ވެކްސިންގެ 10،000 ވެކްސިން ޑޯޒް ޖެހުމުގެ ގާބިލްކަން ރާއްޖޭގެ ސިއްހީ ދާއިރާގައި އެބަހުރި ކަމަށެވެ.

ރާއްޖޭގައި ކޯވިޑްގެ ދެ ވަނަ ޑޯޒު ދޭން ފަށަން ނިންމާފައިވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ. ރާއްޖޭގައި ވެކްސިން ދޭން ފެށި ތާރީހަށް ބަލާއިރު އިރު މިމަހުގެ ފަހުކޮޅު ދެވަނަ ޑޯޒު ދޭން ފަށާނެ އެވެ.

ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި ބޭނުން ކުރަމުންދަނީ ކޮވިޝީލްޑް ވެކްސިނެވެ.

މިހާތަނަށް 157،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފަ ވެއވެެ. އޭގެ ތެރެއިން 91،000 އަށްވުރެ ގިނަ މީހުންނަށް މާލެ ސަރަހައްދުގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި 66،000 އަށްވުރެ ގިނަ މީހުން ވެކްސިން ދީފައިވެ އެވެ.

މާލެ ސަރަހައްދުގަ އަށް ސެންޓަރަކާއި ދެ މޮބައިލް ޓީމް ވެކްސިން ދެމުންދެ އެވެ. އަތޮޅުތެރޭގެ 169 ސެންޓަރެއްގައި ކޯވިޑް ވެކްސިން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް