ރަމަޟާން މަސް ފެށެން އެންމެ 36 ދުވަހަށް ވެފައިވާއިރު އެ މާތް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެ މަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށްޓަކާ އަހަރެމެން ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން މާތްވެގެންވާ ރަމަޟާންމަހުގެ އެންމެ މާތް ވަޤުތުތަކަށް ބަލައިލަމާ ހިނގާށެވެ.
ހާރުދަމުގެ ވަގުތު
ހާރުދަމުގެ ވަޤުތަކީ މާތްވެގެންވާ ރަމަޟާން މަހުގައި ރޯދައަށް ހުރުމަށްޓަކައި ހާރުކާން އާންމުކޮށް ތެދުވެ އުޅޭ ވަގުތެވެ. އެއީ ފަތިސް ނަމާދު ވަގުތު ވަނުމުގެ ކުޑައިރު ކޮޅެއްގެ ކުރިއެވެ.
ކީރިތި ޤުރުޢާނުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ سورة الذاريات ١٨
މާނައީ: ”އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ.“
އެހެންކަމުން ފަތިސް ނަމާދުގެ ބަންގި ގޮވުމަށް ދާންދެން ދުޢާކުރުމާއި ފާފަފުއްސެވުމަށްއެދި ދެންނެވުމުގައި މި އަގުބޮޑު ވަގުތު ހޭދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ރޯދަމަހުގައި ދިނުމަށް ގަދައަޅާ މަސައްކަތްކުރާށެވެ.
އިރުއޮއްސުމުގެ ކުރިން
އިރު އޮއްސުމުގެ ވަގުތަކީ އާންމުކޮށް ރޯދަވީއްލުން ތައްޔާރުކުރުމަށްޓަކައި އަންހެންވެރިން އުޅޭ ވަގުތު ކަމަށް ވުމުން މި އަގުބޮޑު ވަގުތު ރޯދަވެރިޔާގެ އަތުން ބައެއް ފަހަރަށް ބީވެގެންދެއެވެ. އެހެން ނަމަވެސް އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާކުރުމާއި ދެންނެވުމަށް އެންމެ މޮޅު އިތުރުވެގެންވާ ވަގުތުތަކުގެ ތެރެއިން އެއް ވަގުތެވެ. ސަބަބަކީ އެއީ ދުޢާ އިޖާބަކުރައްވާ ވަގުތުތަކުގެ ތެރެއިން ވަގުތެއްކަމުގައިވާތީއެވެ.
އެގޮތުން އަހަރެމެންގެ މާތް ރަސޫލާ ﷺ ގެ ޙަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ތިން މީހެއްގެ ދުޢާ އިޖާބަވެވިގެންވެއެވެ. ރޯދަވެރިޔާގެ ދުޢާއާއި، އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި އަދި ދަތުރުވެރިޔާގެ ދުޢާއެވެ.“
ފަތިސް ނަމާދު ފަސް
އަލްއިމާމް އަންނަވަވީ (رحمه الله) އެ ބޭފުޅާގެ ”ކިތާބުލް އަޛްކާރު“ގައި ވިދާޅުވެފައިވެއެވެ.
”ދަންނާށެވެ! ދުވާލުގައިވާ ޒިކުރުކުރުމުގެ ވަގުތުތަކުގެ ތެރެއިން ޒިކުރުކުރުމަށް އެންމެ މަތިވެރިވެގެންވާ ވަގުތަކީ ފަތިސް ނަމާދުގެ ފަހުގެ ވަގުތެވެ.“
އަދި އަހަރެމެންގެ މާތް ރަސޫލާ ﷺ ގެ ޙަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ޔާ ﷲ! ތިމަންކަލޭގެފާނުގެ އުންމަތަށްޓަކައި އެބައިމީހުންގެ ހެނދުނުގައި ބަރަކާތް ލައްވައިފާނދޭއެވެ!“
މި ޙަދީޘްފުޅުން އަހަރެމެންނަށް އެނގިގެންދަނީ ފަތިސް ނަމާދުގެ ފަހުން ނިދުން އެދެވިގެންނުވާކަމެވެ. އަދި އެވަގުތަކީ ޒިކުރުކުރުމާއި ދުޢާ ކުރަންވީ ވަޤުތު ކަމެވެ.
އެހެންކަމުން މާތްވެގެންވާ ރަމަޟާން މަހަކީ އެމަހެއްގައި ޘަވާބާއި ދަރުމަ އިތުރުވާ ބަރަކާތްތެރި މައްސަރެއްކަމުގައި ވީއިރު, މި ވަގުތުތަކުގެ ބޭނުން ކުރިއަށް އޮތް ރަމަޟާން މަހުގައި ހެޔޮގޮތުގައި ހިފަން ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް