ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް އަޅާ އެ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މިކަމަށް ޓަކައި މިއަދު އެ ރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ކުރީގެ ހެލްތް މިނިސްޓަރު އަނީސާ އަހުމަދެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއި އެވެ. އެ ކުންފުންޝާއި މި މަޝްރޫއު ހަވާކުރީ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިދިޔަ ޖެނުއަރީ މަހުގެ އެވެ.
މި މަޝްރޫއު އަކީ 72 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރެވޭ މި އިމާރާތުގައި މިހާރު ދޭ ހިދުމަތްތައް ފުޅާކުރުމަށް ފަސް ހިދުމަތެއް ލިބޭނެ ޖާގާ އިތުރު ކުރެވޭނެ އެވެ.
އެގޮތުން އަލަށް އިތުރު ކުރެވޭ ބައިގަ 10 އެނދުގެ އެމަޖެންސީ ރޫމަކާއި، ދެ އޮޕަރޭޝަން ތިއޭޓަރު، ލެބޯޓަރީ އަކާއި ޕްރައިވެޓު ރޫމްތަކެއްގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހަދާނެ އެވެ. ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ސްކޭން ރޫމަކާއި ދެ އެކްސްރޭ ރޫމާއި ސީޓީ ސްކޭން އާއި އެމްއާރުއައި ހެދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
މިއީ ތިން ފަންގިފިލާ ހިމެނޭ އިމާރާތެކެވެ.
އަތޮޅު ތެރޭގެ ހޮސްޕިޓަލްތައް ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ފަސް ހޮސްޕިޓަލެއް އެ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް