ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ހަޔާތުގައިވެސް މިއަށްވުރެ ރަނގަޅު ވެރިކަމެއް ދެކި ނުލައްވާކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޒާން ކޮށްފައިވާ ޓްވީޓަކަށް ދެއްވާފައިވާ ރިޕްލައިއެއްގައެވެ.
އަޒާންގެ އެ ޓްވީޓަކީ ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ ތަފާތު ގޮތަކަށް ނޫސްވެރިން ރައީސް ސޯލިހާ ބައްދަލުކުރީކަމަށް ބުނެ ވީޑިއޯއަކާއެކު ކޮށްފައިވާ ޓްވީޓެކެވެ. އެ ވީޑިއޯއިން ފެންނަނީ ސުވާލެއް އޮތްކަމަށް ބުނެ ނޫސްވެރިޔާ އަޒާން ރައީސަށް ގޮވާލުމުން، ރައީސް އެކަމަށް އިޖާބަދެއްވާ ނޫސްވެރިން ގާތަށް ދުރުވެ ޖަވާބު ދެއްވާ މަންޒަރެވެ.
މި ޓްވީޓަށް ކުރައްވާފައިވާ ރިޕްލައިގައި، ޑރ. އިޔާޒް ވިދާޅުވެފައިވަނީ މި ކަމުންވެސް ދޭހަވަނީ ރައީސް ސޯލިހްގެ ހިތްތިރިކަން ކަމަށެވެ.
އަދި ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް މިވަރުގެ ވެރިކަމެއް ހަޔާތުގައިވެސް ދެކި ނުލައްވާކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ޓްވީޓްތަކެއްގެ މައްސަލައިގާ ޑރ. އިޔާޒް މިހާރު ހުންނެވީ އަދާކުރަމުންދިޔަ ވަޒީފާއިން ސަސްޕެންޝަނެއްގައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ޑރ. އިޔާޒް އަދާކުރައްވަމުން ގެންދަވާ މަގާމަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާގެ މަގާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް