އަންހެނުންގެ ކެރުމާއި ހިތްވަރާއި ކުޅަދާނަކަން ދައްކާލީ ކޯވިޑް-19ގެ ހާލަތުގަ!

މިފަހުގެ ތާރީހުގައި ދުނިޔެއަށް ދިމާވި އެންމެ ބޮޑު ބަލިމަޑުކަން ކަމަށްވާ ކޯވިޑް-19ގެ ހާލަތު، ހާއްސަކޮށް މިދިޔަ އަހަރުގެ އެ ބަލީގެ ހާލަތަކީ މީހުންގެ ކެރުމާއި ހުނަރު، އަދި ގާބިލް ކަމާއި ކުޅަދާނަކަން އެން...

08 Mar 2021 | 12:15

މިފަހުގެ ތާރީހުގައި ދުނިޔެއަށް ދިމާވި އެންމެ ބޮޑު ބަލިމަޑުކަން ކަމަށްވާ ކޯވިޑް-19ގެ ހާލަތު، ހާއްސަކޮށް މިދިޔަ އަހަރުގެ އެ ބަލީގެ ހާލަތަކީ މީހުންގެ ކެރުމާއި ހުނަރު، އަދި ގާބިލް ކަމާއި ކުޅަދާނަކަން އެންމެ ރަނގަޅަށް ވަޒަން ކޮށްލަން ލިބިގެންދިޔަ ދުވަސްވެރެވެ.

މިހާލަތުގައި ފެނުނު އެންމެ ކުޅަދާނަ އެއް ބަޔަކީ އަންހެނުންކަން ކަށަވަރެވެ. ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖޭގައި ފްރޮންޓްލައިން ނުވަތަ ކުރީސަފުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން 90 ޕަސެންޓު މީހުންނަކީ އަންހެނުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ސިއްހީ ދާއިރާ، ސިފައިންނާއި ފުލުހުން، ވިޔަފާރިތަކާއި، ގޭގޭގައި ކާބޯތަކެތި ހަދައިގެން ވިއްކުމާއި، ޑެލިވަރީ ކުރުމުގެ ހިދުމަތުން ފެށިގެން ބަލިމަޑުކަމުގެ ހާލަތުގައި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހުނު މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުނީ އަންހެންވެރިންނެވެ. މިހާރު ކޯވިޑްގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް ކަމަށް ވެކްސިން ދިނުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ނަރުހުންނަކީ އަންހެނުންނެވެ.

ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭޭގައި ވަޒިފާގެ ބާޒާރަށް ނުކުމެ މަސައްކަތް ކުރަނީ 40 ޕަސެންޓު އަންހެނުންނެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޒަމާނުންސުރެ ގަބޫލު ކުރެވިފަ އޮންނަނީ އަންހެނުނަކީ މާ ބުރަ މަސައްކަތްތަކެއް ނުކުރެވޭނެ ބައެއްގެ ގޮތުގައި އެވެ. ގިނަ ވަގުތު މަސައްކަތުގެ މާހައުލުގައި ވަގުތު ހޭދަކުރުމަކީ އަންހެނުންނަށް ނުވާނެ ކަމެއްގެ ގޮތުގައި އެވެ.

ކޯވިޑް-19 އަކީ އަންހެނުންނާއި މެދު ބައެއް މީހުން ދެކެމުން އައި ގޮތް ބަދަލުވެގެން ދިޔަ ހާލަތެކެވެ. ސިއްހީ ދާއިރާގެ ފްރޮންޓްލައިންގައި މަސައްކަތް ކުރި ބައެއް އަންހެން މުވައްޒަފުން ވަނީ އަމިއްލަ އާއިލާ އާއި ބައްދަލުނުކޮށް ތިން ހަތަރު މަސް ދުވަސް ހޭދަކޮށްފައި އެވެ. ރެއާ ދުވާލު ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރީ ހަމަ ނިދި ނުނިދާ އަރާމުކޮށްލުމެއް ނެތި އެވެ.

ކޯވިޑްގެ ބަލި މީހުން ކައިރީގައި ހަރަކާތްތެރިވި ބައެއް ނަރުހުން ކުރަން ޖެހުނު ބުރަ މަސައްކަތާއި ހޭދަ ކުރަން ޖެހުނު ވަގުތުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވިކަން އެނގެނީ ތީގެ ތެރެއިން ކިތައް ބޭފުޅުންނަށް ތޯއެވެ. އެކަމަކު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވަރުބަލިވަމުން ދާތީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދުން ފިޔަވާ އެމީހުން މަސައްކަތް ކުރަން ފަސް ޖެހުން ނުވަތަ މަސައްކަތް ހުއްޓާލުން ފަދަ އެއްވެސް ކަމެއް ކުރިތަން ފެނިފައެއް ނުވެ އެވެ.

ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ކޯވިޑާއި ގުޅުން ހުރި ގައުމީ ފެންވަރުގެ ނިންމުންތައް ނިންމާ ކޮމިޓީތަކުގައި އަންހެނުން އިސް މަގާމުތަކެއް އަދާ ކުރެއްވި އެވެ. ހާއްސަކޮށް ކޯވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހުރިހާ ބާރުތަކެއް ލިބިފައިވާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމުގައިވެސް ހުންނެވީ ހީވާގި އަންހެން ކަނބަލެކެވެ.

ސިފައިންނާއި ފުލުހުން ފާހަގަވެ މަޝްހޫރުވެފައި އޮންނަނީ ޖެހުނު ކޮންމެ ކަމެއް ކުރެވޭނެ ބައެއްގެ ގޮތުގައި އެވެ. އެކަމަކު އެ ތަންތަނުގައި މަސައްކަތް ކުރާ އަންހެނުންގެ ފާޑުވެރިކަމާއި ގާބިލުކަން އެންމެ ރަނގަޅަށް އާންމުންނާއި ހަމައަށް ތިލަވީ ކޯވިޑްގެ ހާލަތުގައި އެވެ.

އެހެން ކަމުން އަންހެނުންގެ ހުނަރާއި ގާބިލް ކަމާއި މެދު ސުވާލު ނުކުރާށެވެ. ފިރިހެނުން ކުރާ އެއްވެސް މަސައްކަތެއް ކަނބަލުންނަށް ނުކުރެވޭނެ މަސައްކަތެއް ވަގުތު ޖެހުމުން ނުވަތަ ކުރަން ޖެހުމުން ނޯންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް