އީސީގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭން އެޗްޕީއޭއިން އެއްބަސްވެއްޖެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިން އާިއ ގުޅިގެން އީސީން...

08 Mar 2021 | 10:51

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިން އާިއ ގުޅިގެން އީސީން ކަންބޮޑުވާ ކަންކަން ހައްލު ކޮށްދޭން އެޗްޕީއޭއިން އެއްބަސް ވެއްޖެ އެވެ.

އިންތިހާބުގައި އަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިނާއި މެދު ހިތްހަމަ ނުޖެހިގެން އީސީން ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އެވެ. އެކަމާއި ގުޅިގެން މިއަދު ވަނީ އީސީގެ މެމްބަރުންނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާއި އެޗްޕީއޭގެ އިސްވެރިން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައި އެވެ.

މި ބައްދަލުވުމުގައި އީސީގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުގައި އިންތިހާބަށް ވަކި ހާއްސަ ލުއިތަކެއް ދީފައި ނުވާ ކަމަށާއި އެ އުސޫލުތަކަކީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ކޯވިޑް-19 އާ ގުޅޭ އާންމު އުސޫލުތައް ކަމަށެވެ. އޭގެ ސަބަބުން ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މިނިވަން އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅޭ ކަމަށާއި ދައުލަތަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އީސީގެ ހުރި ކަންބޮޑުންތަކުގެ ތެރޭގައި ކެމްޕެއިނަށް 28 ދުވަހުގެ މުއްދަތެއް ދޭން ޖެހޭއިރު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބޭ ގޮތް ތަނަވަސްވެފައި ނެތުމާއި ކެމްޕެއިން ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ދީފައި ނުވުން ހިމެނެ އެވެ. ބައެއް ރިސޯޓުތަކާއި ސަފާރީތަކުގައި ތިބޭ މުއައްޒަފުން ވޯޓުލާން ދެވޭނެ ގޮތެއް ނެތުމާއި ކަރަންޓީނަށް ލުއިތަކެއް ދީފައި ނުވުމަކީ އީސީގެ ކަންބޮޑުވުމެކެވެ.

އިތުރު ކަންކަމުގެ ތެރޭގައި ޕޮޒިޓިވްވެފައި ތިބި މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ހުރި ތަނެއްގައި ހުރެގެން ވޯޓެވޭނެ ގޮތް ހަމަޖައްސަން ގައިޑްލައިންގައި ހިމަނާފައިވުން ހިމެނެ އެވެ. ވޯޓު ފޮއްޓެއް ކައިރީ އޮފިޝަލުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބެވޭ އަދަދު މަދުވުމަކީވެސް އީސީގެ ކަންބޮޑުވުމެކެވެ.

އީސީން ބުނީ މޮނިޓަރިންގައި ހުރި ރަށްރަށަށް އެރޭނެތޯ ނުވަތަ ނޫންތޯ ގައިޑްލައިންގައި ކަނޑައަޅާފައި ނެތް ކަމަށެވެ. މީގެ އިތުރުން ޓްރެއިނިން ދިނުމަށް ރަށްރަށް ފޮނުވާ އީސީގެ އޮފިޝަލުންނަށް ކަރަންޓީން ވާން ނުޖެހި ލުއި ލިބޭނެ ގޮތެއް ގައިޑްލައިންގަ ނެތް ކަމަށެވެ.

މި ޝަކުވާތަކާއި ގުޅިގެން މިއަދުގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވާނަމަ ހަރަދު ބޮޑުވާނެ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެޗްޕީއޭގެ މައިގަނޑު ބޭނުމަކީ ރައްކާތެރި ކަމާއި އެކު އިންތިހާބު ބޭއްވޭނެ ގޮތްތަކެއް ބުނެދިނުން ކަމަށް ވިދާޅުވި އެވެ.

މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް އީސީގެ އޮފިޝަލުންނަށް ނޭރޭ މައްސަލައިގަ މައިމޫނާ ވިދާޅުވީ އެކަމާއި މެދު މަޝްވަރާ ކުރުމަށް ފަހު އެޗްޕީއޭއިން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ކޮމިޓީން ނިންމީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އީސީ އާއި އެޗްޕީއޭ އަލުން ވަކިން ބައްދަލުކޮށް މަޝްވަރާކޮށްގެން ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ގައިޑްލައިން ބަދަލު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް