އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންގެ ވެރިކަމަށް އީރާނުން ކުރި އުންމީދު ފެނަށް ހިނގައްޖެ އެވެ.
އިރާނުން ވަނީ އެ ގައުމާއި ދެކޮޅަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްގެ ވެރިކަމުގައި ގެންގުޅުނު ސިޔާސަތުތަކަށް ބައިޑަން ނިމުންގެންނާނެ ކަމަށް އުންމީދު ކޮށްފަ އެވެ. އަދި މީގެ އެތައް އަރަހެއް ކުރިން އީރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށްވެސް ލުއި ލިބޭނެ ކަމަށެވެ.
އެކަމަކު އަނެއްކާވެސް މިވަނީ އިތުރު މުއްދަތަކަށް އެ އިންތިޒާރު ކުރަން ޖެހިފަ އެވެ.
އެމެރިކާގެ ވައިޓް ހައުސް ޕްރެސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1995 މާޗް 15، އިން ފެށިގެން އީރާނާ މެދު އެމެރިކާއިން އަމަލު ކުރަމުން ދާ އުސޫލުތައް "ޔޫއެސް ނޭޝަނަލް އިމާޖެންސީ" އެގޮތުގައި ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓަން ނިންމާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ބަޔާނުގައި ބުނެފައިވަނީ އީރާނަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
އީރާންގެ ނުރައްކާ ކުރަނީ ހަމައެކަނި މެދުއިރުމައްޗަށް ނޫން ކަމަށާއި އީރާންގެ ނުރައްކާ އެމެރިކާއަށް ވެސް ފޯރާ ކަމަށެވެ. އީރާންގެ ސަބަބުން އެމެރިކާއަށް އިގުތިސޯދީ ގޮތުން އަގުމަގު ކުރަން ދަތި ގެއްލުންތައް ލިބޭ ކަމަށް ބުނެ އެމެރިކާއިން ބުނީ އީރާނުގެ ނުރައްކަލުން އެކުވެރި ގައުމުތައް ރައްކާތެރި ކޮށްދިނުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށެވެ.
އީރާނުން ނިއުކްލިއާ ބާރަކަށް ވުމަށް ކުރާ މަސައްކަތްތަކާއި ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތަކުގެ އަސާސަކީ ދިފާއުވުން ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޕްރޮކްސީތައް މެދުވެރިކޮށް ސަރަހައްދީ ގައުމުތަކަށް އީރާނުން ގެއްލުން ދޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އީރާނުން ޓެރަރިސްޓް ގުރޫޕްތަކަށް ހޭދަ ކުރުމަކީ އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްއާ ބައިވެރިންނަކީ ނުރައްކާތެރި ޖަރާސީމުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އީރާނަށް އެމެރިކާއިން ފިޔަވަޅު އެޅީ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް