ކޯވިޑްގަ ވެންޓިލޭޓަރަށްލީ މީހުންގެ ތެރެއިން އަހަރުތެރޭ ސަލާމަތް ކުރެވުނީ ފަސް މީހުން!

ކޯވިޑް-19 ހާލަތުގައި މިދިޔަ އެއް އަހަރު ތެރޭގައި ކޯވިޑް ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލީ މީހުންގެ ތެރެއިން ސަލާމަތް ކުރެވުނީ ފަސް މީހުން ކަމަށް ހެލްތް އެމަޖެންސީ އަޮޕަރޭޝަން ސެންޓަރު (އެޗްއީ...

08 Mar 2021 | 07:32

ކޯވިޑް-19 ހާލަތުގައި މިދިޔަ އެއް އަހަރު ތެރޭގައި ކޯވިޑް ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލީ މީހުންގެ ތެރެއިން ސަލާމަތް ކުރެވުނީ ފަސް މީހުން ކަމަށް ހެލްތް އެމަޖެންސީ އަޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އަހަރު ދުވަހު ކޯވިޑްގައި ހޭދަ ކުރި ދުވަސްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކްލިނިކަލް މެޖޭންމަންޓް އެޑްވައިޒަރީ ޓީމުގެ މެންބަރު ޑރ. މޫސާ ހުސައިން ވިދާޅުވީ މިދިޔަ އެއް އަހަރު ދުވަހު ކޯވިޑާއި ގުޅިގެން ފުރާނަ ތަކެއް ސަލާމަތް ކުރަން ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 92 މީހެއްގެ ހާލު ވަރަށް ސީރިއަސްވި ކަމަށެވެ.

އޭގެ ތެރެއިން ވެންޓިލޭޓަރުގައި 21 މީހަކަށް ފަރުވާ ދޭން ޖެހުނު ކަމަށާއި ވެންޓިލޭޓަރަށް ލާން ޖެހުމަކީ ފަރުވާ ދޭން ތިބޭ މީހުންގެ އުންމީދު އެމީހަކަށް ގެއްލޭ ހިސާބު ކަމަށް ވިދާޅުވި އެވެ. ޑރ. މޫސަ ވިދާޅުވީ އެމީހުންގެ ތެރެއިން ފުރާނަ ސަލާމަތް ކުރެވުނީ އެންމެ ފަސް މީހުންގެ ކަމަށާއި އަނެއް 16 މީހުން މަރުވީ ކަމަށެވެ.

ޑރ. މޫސަ ވިދާޅުވީ މިދިޔަ އެއް އަހަރު 2،500 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުނު ކަމަަށެވެ.

ޑރ. ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްކޮޅު ސިއްހީ ޓީމު ވަރަށް ބޮޑު ނަމަވެސް މިހާރު އެވަރުގެ ޓީމެއް ނެތް ކަމަށެވެ. ފުރަތަމަ ދުވަސްކޮޅު ރާއްޖެއިން ބޭރުގައި ކިޔަވަމުން ދިޔަ ވަރަށް ގިނަ ދިވެހިން ރާއްޖެ އައިސް ކޮވިޑް އޮޕަރޭޝަންގައި ބައިވެރިވި ކަމަށާ މިހާރު އެ ބޭފުޅުން ފުރާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޭސްތައް މަދުނުވެ އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވުމަަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޑރ. މޫސަ ވިދާޅުވިއެވެ.

މިވަގުތުވެސް އެޑްމިޓްކޮށްގެން 166 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 55 ދިވެހިންނާއި އަށް ބިދޭސީއެކެވެ. މި ދިޔަ މަހު ކޮވިޑް ބަލީގައި 10 މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ. މި މަހުވެސް ދެމީހުން ކޯވިޑްގައި މަރުވެއްޖެ އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ އަހަރުގެ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ފުރަތަމަ ކޭހެއްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ތުރުކީގެ އުމުރުން 49 އަހަރުގެ އަންހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް