ބޮލީވުޑްގެ އެންމެ ވަރުގަދަ ލެޖެންޑް އަބީތާބް ބައްޗަންގެ ގެއަކީ ހާއްސަ ގެއެކެވެ.
ގޭގެ ބޮޑުކަމާއި ހައިބަތާއި، ޑިޒައިނާއި ގެއާ ގުޅޭ ވާހަކަތަކަކީ އަދިވެސް އިންޑިއާ މީޑިއާގައި ޖަހައިފިނަމަ ވަރަށް ހިނގާ ވާހަކަތަކެއް ކަމަށްވެ އެވެ. މިފަހަރު އަނެއްކާވެސް އެ ގެއާ ގުޅޭ ވާހަކަތަކަކުން ގިނަ ބައެއްގެ ސަމާލުކަން އަމީތާބުގެ އާއިލީ ގެއަށް ވަނީ ލިބިފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގެ މުމްބާއީގެ ޖުހޫގައި ހުންނަ އަމީތާބްގެ ގެ ކަމަށްވާ "ޖަލްސާ" ޒަމާނީ ފެންވަރަށް ހެދުމުގެ ހުރިހާ މަސައްކަތެއް ކުރީ އޭނާގެ އަމިއްލަ ހަރަދުުގައި އެވެ. އެކަމަކު ދެރަވާން ޖެހުނު ކަމަކީ އޭނާއަށް އެ ގެ އަމިއްލަ ނަމުގައި ނުވަތަ އަނބިމީހާ ޖަޔާ ބައްޗަންގެ ނަމުގައި ރެޖިސްޓްރީ ނުކުރެވުނުކަމެވެ.
2006 ވަނަ އަހަރާއި ހަމައަށް އެ ގެ ރެޖިސްޓްރީ ކޮށްފައި އޮތީ އަމީތާބްގެ ބޭބެ އަޖީތާބް ބައްޗަންގެ އަންހެނުން ރަމޯލާ ބައްޗަންގެ ނަން މަތީގައި އެވެ. 2006 ވަނަ އަހަރު އެ ގޭގެ ރެޖިސްޓްރީ ބަދަލުކޮށްފައިވަނީ އަމީތާބްގެ އަންހެނުން ޖަޔާ ބައްޗަންގެ ނަމަށެވެ.
ގެ އަމީތާބަށް ރެޖިސްޓްރީ ނުކުރެވުމުގައި އުޅެނީ ޓެކްސް އާއި ގުޅޭ މައްސަލައެއް ކަމަށްވެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ހާމަވެފައެއް ނުވެ އެވެ.
ދެވަނައަށް އެގޭގައި ފާހަގަ ކުރެވޭ ކަމަކީ އެގޭގެ ޑިޒައިނާ ދެ ފަންގިފިލާގެ އެ ގޭގެ އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް އަށް އަރަން ހުންނަ އަގުބޮޑު ސިޑީގެ އިތުރުން ގޭގެ އެކި ފާރުތަކުގައި ހަރުކޮށްފައި ހުންނަ އަގުބޮޑު ކުރެހުންތަކާއި ފޮޓޯތަކަކެވެ.
މީގެ އިތުރުން އަބޮޑު ފަރުނީޗަރުތަކެވެ. އަމީތާބުގެ ގޭގެ އަގު 100-120 ކްރޯޑް ރުޕީސްއަށް އަރަ އެވެ.
އަމީތާބްގެ ގެއަކީ ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފިލްމެއްގެ މަންޒަރެއް ކޮންމެހެން ނަގާލަން ބޭނުންވާ ތަނެެކެވެ. ފިލްމު އުފައްދާ އެތައް ބަޔަކު އެ ފުރުސަތަށް އަމީތާބު ކައިރީ އެދުނު ކަމަށްވެ އެވެ.
އެ ފުރުސަތު ލިބުނީ ޑައިރެކްޓަރު އަނޫރާގް ކަޝްޔަބަށް އެކަންޏެވެ. 2013 ވަނަ އަހަރު ރިލީޒް ކުރި އަނޫރާގްގެ ކުރު ފިލްމު "ބޮންބޭ ޓޯކީސް" ގައި "ޖަލްސާ" ގެ އެތެރެ ފެނިގެންދެ އެވެ.
އަމީތާބް ބޮލީވުޑަށް ތައާރަފުވީ 1969 ވަނަ އަހަރު ރިލީޒް ކުރި "ސާތް ހިންދުސްތާނީ" އިންނެވެ. އޭގެ ފަހުން އަބީތްގެ ފިލްމީ ކެރިއަރަށް ފަނޑުކަމެއް އައިސްފައެއް ނުވެ އެވެ.
އަމީތާބުގެ ކާމިޔާބު މީހަކަށް ވުމުގައި އޭނާގެ ހިތްހެޔޮ ކަމާއި ސަޕޯޓަރުންނާއި ބާއްވާ ގާތް ގުޅުމަކީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ. އަމީތާބް ފިލްމެއްގެ މަސައްކަތް ނުކޮށް ގޭގައި ހުންނަން ލިބޭ ކޮންމެ އާދިއްތަ ދުވަހަކު އޭނާ ދެކިލަން އެގޭ ކައިރިއަށް އަންނަ ސަޕޯޓަރުންނާއި ބައްދަލު ކުރާ ވާހަކައަކީ އެ ގޭގެ ހާއްސަ ކަމުގެ ތެރޭގައި ހިމަނާ ކަމެކެވެ.
މިހާރު އޭނާގެ އުމުރުން 78 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް