ބޭ އަދަބީ ބަސް ބޭނުން ކުރައްވައިގެން މުއާމަލާތް ކުރެއްވި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް މަޖިލީހުން ލިޔުމުން ނަސޭހަތް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސް އެފް ގްރޫޕްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި ބައެއް މެމްބަރުންނަށް އަމާޒުކޮށް ބޭއަދަބީ ބަސް ބޭނުންކުރި މައްސަލައިގައި މޮސްޓާއަށް އަޅާ ފިޔަވަޅުގެ ގޮތުގައި ލިޔުމުން ނަސޭހަތްތެރިވުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި މޮސްޓާއަށް ނަސޭހަތްތެރިވެ، ލިޔުމުން ދޭ ނަސީހަތްވެސް ދޭނެކަމަށް ވިދާޅުވެފައެވެ.
މޮސްޓާއަށް ލިޔުމުން ނަސޭހަިތް ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ ކ. ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކުގެ ކޮމިޓީން ލަވާދެއްވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 66 ވަނަ މާއްދާގެ މަޖިލީހުގެ ހ.ގައި ވާގޮތުގެ މަތިން، މަޖިލީހުގެ ގަދަރާއި، ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި، މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް މޮސްޓާއަށް ނަސޭހަތްތެރި ވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް