ރިސޯޓް މުވައްޒަފުންގެ ހައްގުގައި މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ފަރެސްމާ ތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެ...

08 Mar 2021 | 05:15

ފަރެސްމާ ތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ކޯވިޑް-19 އާ ގުޅިގެން

ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް މަޖިލީހުން ބަލައިގެންފިއެވެ.

މި މައްސަލ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފާސްވެފައި ވަނީ 33 މެމްބަރުންގެ ވޯޓުންނެވެ.

މި މައްސަލައިގައި ލަޠީފް ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ރިސޯޓް މުވައްޒަފުންނަށް އާއިލާގާތަށް ނުދެވޭތީ އެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ހިތްދަތިކަމެއް ލިބޭ ކަމަށެވެ. އަދި ބައެއް ރިސޯޓް މުވައްޒަފުން، ރަށާ ކިތައްމެ ކައިރީ ރިސޯޓެއްގައި މަސައްކަތް ކުރި ނަމަވެސް، ރަށަށް ދާނެ އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށެވެ. މީގެ އިތުރުން އާއިލާ ކައިރިއަށް ދިޔަ މުވައްޒަފުން އެނބުރި ރިސޯޓް މަސައްކަތަށް ނުނުކުމެވި، އާމްދަނީއެއް ނެތި އެތައް މަހެއް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާން އާބާދީއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު ދައްޗަކީ އާއިލާ ކައިރިއަށް ދާއިރު 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހުން މަކަށާއި، ބައެއް ރިސޯޓްތަކުން ކަރަންޓީން މުއްދަތު ނޯޕޭގެ ގޮތުގައި ގުނަމުން ދާ ކަމަށް ލަޠީފް ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ކަރަންޓީންވާނެ ތަނެއް ނެތުމާއި، ކަރަންޓީން ވާނެ ތަނެއް ކުއްޔަށް ހިފަންޖެހުން ފަދަ ދަތިތައް ކުރިމަތިވެއެވެ.

އަދި މުވައްޒަފުން ޑޮކްޓަރަށް ދައްކަން ވެއްޖެ ނަމަ ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށް ލަޠީފް ފާހަގަކުރެއްވިއެވެ.

ކޮންމެ ހަފްތާއަކު ވެސް ރިސޯޓް މުވައްޒަފުން އޮފް ނަގަން މަޖުބޫރުވެފައި ވާއިރު، އޮފްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތް ކަމަށް ވެސް ލަޠީފް ވިދާޅުވިއެވެ.

ލަޠީފް ފާހަގަކުރެއްވި ގޮތުގައި، ރިސޯޓްތަކުގައި ވެކްސިން ޖެހުމުހެ ކަންކަން ކުރިއަށް ނުދާތީ މުވައްޒަފުންގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މުވައްޒަފުންނާ މެދު އެކި ރިސޯޓުން އެކި ގޮތަށް އަމަލު ކުރާ ކަމަށެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންނެއްގެ ހައްގުތައް ގެއްލޭކަމީ، އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ލަޠީފް ވިދާޅުވިއެވެ. އެހެންކަމުން ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް ލަޠީފް ވަނީ ސަރުކާރަށް ގޮޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް