ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް، ރާއްޖޭގެ ހުރިހާ އަންހެން ކަނބަލުންނަށް ތަހުނިޔާ ދަންނަވަމެވެ.
އަދި މީގެއިތުރުން ދިވެހި ޤައުމު ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހައި އަންހެން ކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތަޢުރީފުކޮށް، އެކަނބަލުންނަށް ޝުކުރާއި މުބާރަކުބާދު ދަންނަވަމެވެ.
މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަށްވާއިރު، ރާއްޖޭގައި އެންމެ ފުރަތަމަ މި ދުވަސް ފާހަގަކުރެވުނީ 1983 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، މިދުވަސް ކުލަގަދަ ގޮތެއްގައި ރާއްޖޭގައި ދަނީ ފާހަގަކުރެވެމުންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރަނީ، އަންހެނުންގެ މިއަދުގެ ޙާލަތު ވަޒަންކޮށް، މުސްތަޤްބަލަށް އަމާޒުކޮށްގެން، އެކަނބަލުންނަށް ކުރިއަށް ދިޔުމުގެ އިތުރު ފުރްޞަތުތައް ތަނަވަސްކޮށްދިނުމަށްޓަކައެވެ. އަދި އެކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ހޯދައި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އެކަނބަލުން އަދާކުރާ ދައުރު ފާހަގަކުރުމަށްޓަކައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ރާއްޖޭގެ އަންހެނުންނަށް ކުރިމަތިވެފައިވާ އެކިމައްސަލަތަކާ ދޭތެރޭގައި އަޅުގަނޑުމެން ފުންކޮށް ވިސްނައި، އެކަންކަން ޙައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިދެކެމެވެ.
ޝައްކެއްނެތް ގޮތުގައި ޤައުމު ބިނާކޮށް ކުރިއަށް ގެންދިޔުމުގައި، އަންހެނުން އަދާކުރަމުންދާ ދައުރު ފުޅާވެ، އަންހެނުންގެ އެކި ޙަރަކާތްތައް އިތުރުވެގެން ދިޔުމަކީ، ޤައުމަށާއި މުޖްތަމަޢަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ހަމައެހެންމެ، ޤައުމުގެ އެކިކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެކަނބަލުންނަށް ހަމަހަމަ ފުރްޞަތުތަކެއް ލިބޭގޮތަށް ކަންތައްތައް އިންތިޒާމްވެގެން ދިޔުމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ.
މިގޮތުން، އަންހެނުން އިޤްތިޞާދީ ގޮތުން ފުދުންތެރިކަން އިތުރުކޮށް، ސިޔާސީ މައިދާނުގަޔާއި، އެކިއެކި މުހިންމު ނިންމުންތައް ނިންމާ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަކީ، ސަރުކާރުން އަބަދުވެސް އިސްކަންދޭންޖެހޭ ކަމެކެވެ. ޤައުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް، އިސް ސަފުގައި ޙަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އިތުރުކުރުމަކީ، މިއަދުގެ ޖީލަށާއި، އަންނަން އޮތް ޖީލުތަކަށްވެސް އެކަމުން މުހިންމު ފައިދާތަކެއް ކުރާނެ ކަމެއްކަން ޔަޤީނެވެ.
އިސްލާމީނަޒަރަކުން އަންހެނުން
އަންހެނުންނަކީ އިސްލާމީ މުޖްތަމަޢެއްގެ އެންމެ މުހިންމު އެއް ތަނބެވެ. މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރަކީ ވަރަށް ފުޅާ، އެހާމެ މުހިއްމު ދައުރެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީ ކަމައިގެން ފޮނުއްވުމާއި އެކު ހިނގައިދިޔަ ކަންތަކުންވެސް މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަހު އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލު ކުރެއްވީ އަންހެން ކަނބަލެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަނބިކަބަލުން އުއްމުލްމުއިމިނީނަ ޚަދީޖާ ބިންތި ޚުވައިލިދެވެ. އިސްލާމްދީނަށް ޓަކައި އެންމެ ފުރަތަމަ ޝަހީދުވެ ވަޑައިގަތީވެސް އަންހެން ކަނބަލެކެވެ. އެއީ އައްސައްޔިދާ ސުމައްޔާ ރަޟިޔަﷲ ޢަންހާ އެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ ﷲ އެކަން މިންވަރު ކުރައްވާފައިވާ ގޮތެވެ. އެއީ، މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރުގެ ބޮޑު ކަން ހާމަ ކުރެއްވުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާ އަށް ފަހު އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގަތީ އަންހެން ކަނބަލެއް ކަމުގައި ލެއްވުމުން އެކަނބަލުން މާތް ކުރައްވާ ޝަރަފުވެރި ކުރެއްވިއެވެ.
ހަމައެފަދައިން ދީނުގެ މަގުގައި ޖިހާދު ކުރުމުގައިވެސް އަންހެން ކަނބަލުންނަށް މިވަނީ ކުރި ދެއްވާފައެވެ. އެހެނީ، ދީނަކީ ހަމައެކަނި ފިރިހެނުންގެ ދީނެއް ނޫނެވެ. ދީނުގެ ޙުކުމްތަކަށް ބޯލަނބަން ޖެހެނީވެސް ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. ދަރުމަ އާއި ޘަވާބު ލިބެނީވެސް ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ.
އަންހެނުންނަކީ މުޖްތަމަޢުގެ ދެބައިކުޅަ އެއްބައެވެ. މުޖްތަމަޢުގެ އަނެއްބައި ވިހައި، ގެންގުޅެ، ތަރްބިއްޔަތު ކުރުމުގެ ޛިންމާ އޮތީ އަންހެނުންގެ ކޮނޑުގައި އެޅިފައެވެ. ގޭގެ ރޫޙަކީ އަންހެނުންނެވެ. ދަރިންނަށް އަށް ރަގަޅު ތަރްބިއްޔަތުދީ، ރަގަޅު ގޮތުގައި ބަލައި ތަރުބިއްޔަތުކުރަނީ އަންހެނުންނެވެ.
އަންހެނުންނަކީ ދަރިންނަށް ފުރިހަމަ ތަރްބިއްޔަތެއް ދޭން ފަށާ ފުރަތަމަ މަރުކަޒެވެ. ރަގަޅު މުޖްތަމަޢެއް ބިނާ ކުރުމަށް ބޭނުންވާ ޢާއިލާ އެއްގެ މައިބަދަ އަކީ އަންހެނުންނެވެ. ތުއްތު ކުދިން ބަލަހައްޓާ މުންކަރާތް ތަކާއި ގޯސްމަގުތަކުން ކުއްޖާ ދިޔަ ނުދީ ހިފަހައްޓާ ބުރަމަސައްކަތް ކުރާ ބަޔަކީވެސް އަންހެނުންނެވެ.
ލޯތްބާއި ކުލުނު ދީގެން ކުދިންތަކެއް ބިނާކޮށް މުޖްތަމަޢަށް ނެރުމުގެ އެންމެ މުހިއްމު ޛިންމާ އުފުއްލައިގެން ތިބި ބަޔަކީ ވެސް އަންހެނުންނެވެ. ކުޑަ ކުދިން ބަލައި، އެކުދިންނަށް ބޭނުންވާ ލޯތްބާއި ކުލުނު ހޯދައިދޭ ބަޔަކީ ވެސް އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް