110 ވަނަ އަންހެނުންގެ ދުވަސް: މިދުވަސް ފާހަގަކުރަން ފެށުނު ގޮތް

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރޗް 8 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ޘަޤާފީ، ސިޔާސީ ގޮތުން އަންހެނުން ހޯދާ ކާމިޔާބ...

08 Mar 2021 | 04:43

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރޗް 8 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ޘަޤާފީ، ސިޔާސީ ގޮތުން އަންހެނުން ހޯދާ ކާމިޔާބުތައް ފާހަގަ ކުރުމެވެ.

އެހެންކަމުން އަންހެނުންގެ ކާމިޔާބީތައް ފާހަގަ ކުރުމަށާއި އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް މި ދުވަސް ފާހަގަ ކުރެއެވެ.

1908 ހިސާބުގައި ނިއުޔޯކްގައި އަންހެނުންތަކެއް މުޒާހަރާ ކުރިއެވެ. އެއީ އަންހެނުންނަށް ލިބޭ މުސާރަ ރަނގަޅު ކުރުމަށާއި ވޯޓުލުން ފަދަ ހައްގުތައް ހޯދުމަށެވެ.

އެގޮތުން އެމެރިކާގެ ސޯޝިއަލިސްޓް ޕާޓީގެ ފަރާތުން 1909 ވަނަ އަހަރު އެގައުމުގެ ފުރަތަމަ އަންހެނުންގެ ދުވަހުގެ ގޮތުގައި މާރޗް 8 ކަނޑައެޅިއެވެ.

އޭގެ ފަހުގައި 1910 ވަނަ އަހަރު ބޭއްވުނު ކޮންފަރެންސެއްގައި، މި ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަން ވާހަކަ ދެކެވުނެވެ.އެއީ ޖަރުމަނުގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން، ލީޑަރު ކްލާރާ ޒެކްޓިން އިސްވެ ހުރެ ހުށަހެޅި ހުށަހެޅުމެކެވެ.

އެ ބައްދަލު ވުމުގައި 17 ޤައުމަކުން 100 އަންހެނުން ބައިވެރިވިއެވެ. އެމީހުން ވަނީ ކްލާރާގެ ހުށަހެޅުމަށް ގަބޫލުވެފައެވެ.

911 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާ، ޑެންމާރް، ޖާމަނީ އަދި ސްވިޒަލޭންޑްގައި މި ދުވަސް ފާހަގަކުރިއެވެ.

2011 ވަނަ އަހަރު ފާހަގަ ކުރީ 100 ވަނަ އަންހެނުންގެ ދުވަހެވެ. އެހެންކަމުން މި އަހަރު މި ފާހަގަ ކުރެވެނީ 110 ވަނަ އަންހެނުންގެ ދުވަހެވެ.

ރަސްމީ ސިފައެއްގައި މިކަން ފެށުނީ، 1975 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން މި ދުވަސް ފާހަގަ ކުރަން ފެށުމުންނެވެ.

ވޯލްޑް އިކޮނޮމިން ފޯރަމް (ޑަބްލިޔު.އީ.އެފް) އިން ބުނާ ގޮތުގައި ނޯތް އެމެރިކާގައި 38 އިންސައްތަ އަންހެނުން ނަފްސާނީ އަދި ޖިސްމާނީ ހާނީއްކައާ ކުރިމަތިލައެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ، އަންހެނުންގެ ދުވަސް ފާހަގަ ކުރުމާއި އަންހެނުން ބާރުވެރި ކުރުވުމުގެ ނަމުގައި އަޑުއުފުލާ އަދި އެންމެ ކުރީގައި އުޅޭ މި މީހުންނަކީ މުސްލިމުންނަށް ނުވާއިރު، އެމީހުން ގެންގުޅޭ ބައެއް ޝިޢާރުތައް، އިސްލާމް ދީނާ ފުށުއަރާ ކަމެކވެ. އެގޮތުން އެމީހުންގެ ބައެއް ބުނުންތަކަކީ އިސްލާމް ދީނުގައި އެކަމުގެ ހުކުމް ބާވާލައްވާފައިވާ ކަންކަމެވެ. އެހެންކަމުން އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު މިއީ ހަނދާނުގައި ބަހައްޓަންވީ ކަމެކެވެ.

އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތްތަކާ ޚިލާފު ނުވަމާތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް