އާމްދަނީން ނަގާ ޓެކުހަށް އަހުލުވެރިކުރުވުމުގެ ގޮތުން "އިންކަމް ޓެކްސް އެވެއަރނަސް ޕްރޮގްރާމް" ގެ ނަމުގައި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މި އަހަރު ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.
މީރާއިން ބުނާ ގޮތުގައި މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ވިޔަފާރިތަކާއި، ސްކޫލްތަކަށާއި އާމްދަނީލިބޭ އެންމެހައި ފަރާތްތަކަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރިޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅިފައިވާތީވެ، މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ޙާލަތަށް ބަލައި، މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތްކޮށްގެން ވެސް މި ޕްރޮގްރާމް ކުރިޔަށްގެންދެވޭނެ ކަމުގައި މީރާއިން ބުނެއެވެ.
އެހެންކަމުން އިންކަމް ޓެކްސް އެވެއަރނަސް ސެޝަންތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައި ނުވަތަ މީރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި، ވިހާވެސް އަވަހަކަށް ނަން ނޯޓުކުރައްވަމުން ގެންދެވުމަށް މީރާއިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް