ރާއްޖެއިން ނުރައްކާތެރި ކޮރޮނާ ވައިރަސް ފެނިފައިވާ މި ދަނޑިވަޅުގައި ވައިރަހުގެ އަލާމާތްތަކުގެ ގޮތުގައި ފާހަގަވެފައިވާ އެއްވެސް އަލާމާތެއް ފެންނަ ނަމަ ޖަމާއަތަށް ނަމާދަށް މިސްކިތަށް ނުދާން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުން ޕޮސިޓިވްވިކަން ސަރުކާރުން އިއުލާނު ކުރީ ރޭގައި އެވެ. އެ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެމީހުންނެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެއްސާ، ކިނބިހި އަޅާ އަދި ކަރަންޓީން ކޮށްފައި މީހުން ތިބި ރަށަކަށް ދިއުމަށް ފަހު އާންމުން އެއްވެ އުޅޭ ޖަމާއަތްތަކަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުދަކުދިންނާއި މުސްކުޅިން ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ ފިޔާ، ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީހުންނަށް އުނދަގޫވާނެތީ އެފަދަ ތަކެތި ކައިގެން ތިބެ މިސްކިތަށް ދިއުން އިސްލާމް ދީނުގައި މަނާކުރެވިފައިވާކަން ފާހަގަ ކުރައްވާފަ އެވެ. މިނިސްޓްރީގެ ބަޔާނުގައި ބުނީ މި މިސާލުން ކޮވިޑް-19 ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ނަމަ މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"މާތްﷲގެ އިރާދަފުޅާއެކު، މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަހިނދު، ތިބާ މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ހުރެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ސިއްހަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފަދަ ފުރިހަމަ ސަވާބު ލިބިގެންދާނެ އެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ މިފަދަ ވަގުތުތަކުގައި، ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައިގެން ތިބެ ﷲ އަށް ވަކީލުކޮށް ދުއާކުރުން ގިނަ ކުރުމަށް އެދިފަ އެވެ. އަދި އިލްމުވެރިންގެ ލަފައާ އިރުޝާދުގެ ދަށުން އެއިރަކަށް ބޭނުންވާ ދީނީ މައުލޫމާތު ފޯރުކޮށްދޭނެކަމަށް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ނުރައްކާތެރި ވައިރަހުން ސަލާމަތްވާން ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް