ކޮވިޑް-19: ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓުގެ މުވައްޒަފަކު ކަރަންޓީން ކުރަނީ

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭތީ ކަރަންޓިން ކުރުމަށް ފަރުކޮޅުފުއްޓަށް ގެންގޮސްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނ...

08 Mar 2020 | 16:12

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭތީ ކަރަންޓިން ކުރުމަށް ފަރުކޮޅުފުއްޓަށް ގެންގޮސްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެރަށުން ކަރަންޓިންއަށް ގެންދެވުނު މީހާ އަކީ ކުރެއްދޫން ބައްޔަށް ޕޮސިޓިވްވި ފަރާތާއި މުއާމަލާތް ކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ ކަރަންޓީންއަށް ގެންދިއުމުގެ ކުރިން ވައިރަހުގެ އަލާމާތްތަކަށް ޝައްކު ކުރެވެން ފެށުމާއި އެކު އެ ރަށުގައި އައިސޮލޭޓް ކޮށްގެން ފަރުވާދޭން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހާ ކަރަންޓީންއަށް ގެންދެވުނީ ފޯކައިދޫން ކަމަށް ވިޔަސް އެ ރަށަށް އަދި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެރަށަށް އަރާ ފޭބުމުގައި ވަކި ގޮތަކަށް އަމަލު ކުރަން ނާންގަނީ ޓެކްނިކަލް ބޭފުޅުންގެ ލަފަޔާއެއްގޮތަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އެމީހާ އަކީ ކޮރޯނާ ވައިރަސް އަށް ޕޮސިޓިވްވިކަން އެންގި އިޓަލީ މީހާއަށް ހިދުމަތް ދިނުމުގެ ވަރަށް ގާތުން އުޅުނު މީހެއް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވީނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފޮކައިދޫ މީހާ ބެލެވިފައިވަނީ ބަލި ޖެހުނު ފަރާތާއި މުއާމަލާތް ކުރި މީހުންނާއި ގުޅުންހުރި ތިން ވަނަ ފަރާތެއްގެ ގޮތުގައި ކަމަށެވެ.

އަމީން ވިދާޅުވީ ކުރެއްދޫ ރިސޯޓާއި ގުޅުންހުރި ހުރިހާ ދިމާއަކުން ނުވަތަ މުވައްޒަފުން ދަތުރުކޮށްފައިވާ ހުރިހާ ރަށެއް ހޯދައި އެ ރަށްރަށުގައި ހުމާއި ރޯގާ އިތުރުވޭތޯ ވަރަށް ރަނގަޅަށް އެޗްޕީއޭއިން ބަލަމުންދާ ކަމަށެވެ. އެހެން ކަމުން މި ވައިރަސް ރާއްޖެއަށް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް ސަރުކާރަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް