ކޮރޯނާ ވައިރަސް ރާއްޖެއިން ފެނި ގައުމު ހާސްކަމުގައި އޮތް ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމަކުން މީހުން އައުން ހުއްޓުވާ ނުލެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި އެ ބަލި ފެތުރެމުންދާއިރު ރާއްޖެއަށް ކޮރޮނާ ވައިރަސް އަންނާނީ ކޮން ގައުމަކުން ކޮން ވަގުތެއްގައިކަން އެއްވެސް މީހަކަށް ބުނެދޭން ނޭނގޭނެ ކަމަށެވެ. އެހެންކަމުން ވައިރަސް ފެތުރިފައިވާ ހުރިހާ ގައުމަކުން މީހުން އައުން މަނާކޮށް މުޅި ގައުމު ބަންދު ނުކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވައިހަރާ ގުޅިގެން ހުރިހާ އެއާޕޯޓެއް ބަންދުކޮށްފި ނަމަ ރައްޔިތުންގެ އާންމު ދިރިއުޅުން ހުއްޓި، އިގްތިސޯދު ފުނޑުފުނޑުވެ، ރައްޔިތުން ބަނދަސް ޖެހޭނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ.
މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އައުން މަނާކޮށްފައިވާ ގައުމުތަކަށް ހުޅުވާލަން ޖެހޭނަމަ އެކަން ސަރުކާރުން ކުރާނެ ކަމަށެވެ. އެކަމަކު މި ވަގުތު މީހުން އައުން މަނާ ގައުމުތަކުގެ ދަތުރުތައް އަލުން ރާއްޖެއަށް ހުޅުވާލާނީ އެ ގައުމުތަކުގެ ހާލަތު މުޅިން ރަނގަޅުވެގެން ދިޔުމުން ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ ދިވެހި ސަރުކާރަކަށް ރާއްޖޭގެ އެއާޕޯޓްތައް ބަންދުކޮށް ޑެޑްލޮކެއް ގެނެސް ލޮކްޑައުން ނުކުރެނޭ އެ ގޮތަކަށް މި ގައުމުގެ ރައްޔިތުންގެ އާންމު ދިރިއުޅުމެއް ނުހިފެހެއްޓޭނެ. އިގްތިސާދު ފުނޑި ރައްޔިތުން ބަނޑަށް ޖެހޭނެ ހާލަތަކަށް ނުގެންދެވޭނެ، އެ ވިސްނުން ދޫކޮށްލުމަށް އަޅުގަނޑު އެދެނީ،" މިނިސްޓަރު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ދަތުުރު ކުރުން މަނާ ކުރުމުގައި ބަލަނީ ރާއްޖެއާ އެ ގައުމަކާއި ގުޅުން ހުރި ވަރުކަމަށެވެ. އެގޮތުން ސައުތް ކޮރެއާ ފަދަ ގައުމުތަކުގައި ބަލި ފެތުރެމުންދަނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް ވާއިރު އެ ގައުމުން އެއްވެސް މީހަކަށް ނާދެވޭނެ ގޮތް ނެހެދޭނެ ކަމަށެވެ.
މީގެ އިތުރުން ނޫސްެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކުރުން ލަސްކުރެވިފައިވާ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް