ބިރުވެރިކަން އުފައްދާ، ދޮގު ހަބަރު ފަތުރާ ނޫސްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީޑިއާ ކައުންސިލުން ދީފި

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ނޫސްތަކުގައި ހަބަރާއި މައުލޫމާތު ފަތުރާއިރު ބިރުވެރިކަން އުފައްދާ، ދޮގު ހަބަރު ފަތުރާނަމަ އެ މީޑިއާއަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯ...

08 Mar 2020 | 12:20

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ނޫސްތަކުގައި ހަބަރާއި މައުލޫމާތު ފަތުރާއިރު ބިރުވެރިކަން އުފައްދާ، ދޮގު ހަބަރު ފަތުރާނަމަ އެ މީޑިއާއަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް މީޑިއާ ކައުންސިލުން ދީފިއެވެ.

އެ ކައުންސިލުން މި އިންޒާރު ދީފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ޚަބަރާއި މައުލޫމާތު  މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާހިލާފު ދޮގު ޚަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލުމާތު އާއްމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް އެ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

"މި ވައިރަހާ ގުޅޭގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި ސިއްހީ މައުލޫމާތު ޙަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަޤްވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިޢުކޮށްފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަންވެސް މިކައުންސިލުން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ހަނދާންކޮށްދެމެވެ. " އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޢަމަލުކުރަމުންދާގޮތް އެ ކައުންސިލުން ވިލަރެސް ކުރަމުންދާނެ ކަމަށާއި މީޑިއާތަކުގައި ޝާއިޢުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޙާލަތާ އެކަށީގެންވާ  ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން އެ ކައުންސިލުން އެމީޑިއާއަކާ މުއާމަލާތުކުރާނެކަމަށާއި އެ ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވާކަމަށްވެސް މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް