ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިފައިވާތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާމެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމަވާނީ އެންމެގެ ހިޔާލާއެކު ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިކަމާއި ގުޅިގެން މިސަރުކާރުން ގޮތެއް ނިންމެވި ނަމަވެސް، ފަހުގެ ނިންމުން ނިންމަވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އަދި މިނިސްޓާރު ވަނީ މި ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދާކަން ފާހަގަ ކުރައްވައި، ޝުކުރު އަދާ ކުރައައްވާފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓް ގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެއާއެކު، އެ ރަށް ލޮކްޑައުންކޮށް އެ ރަށުގެ ހާލަތު ވަނީ، އޮރެންޖް ހާލަތަށް ބަދަލުކޮށްފަ އެވެ. އަދި ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް