ބްރޫނާއީއިން ރާއްޖެއަށް ދޭ ސްކޮލަރޝިޕް އިތުރުކުރުމަށް ނިންމައިފި

ބްރޫނާއީއިން ދިވެހިރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް އިތުރުކުރުމަށް އެޤައުމުން ނިންމައިފިއެވެ. މިގޮތަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް ކުރައްވާ ރަސްމީ ދަތުރ...

08 Mar 2020 | 10:22

ބްރޫނާއީއިން ދިވެހިރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް އިތުރުކުރުމަށް އެޤައުމުން ނިންމައިފިއެވެ. މިގޮތަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި، އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެޤައުމުގެ ސެކަންޑް ފޮރިން މިނިސްޓަރ އަދި އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއަށް ބްރޫނާއީއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިހާރުވެސް ކޮންމެ އަހަރަކު 5 ސްކޮލަރޝިޕް އެޤައުން ދޭކަން ފާހަގަކުރެއްވިއެވެ. އަދި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިފަދައިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ބްރޫނާއީ ސަރުކާރުން ވަނީ ދެއްވާފައެވެ.

1999 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބްރޫނާއީއަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ. ބްރޫނާއީގެ ރަސްގެފާނާއި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖެ-ބްރޫނާއީ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް