ްބީއެމްއެލްގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސްގެ މަގާމަށް ލޯރާ އައްޔަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރު އޮފް އޮޕަރޭޝަންސްގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ލޯރާ ޖޭމިސަން އައްޔަން ކޮށްފި އެވެ. ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އ...

08 Mar 2020 | 08:30

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރު އޮފް އޮޕަރޭޝަންސްގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ލޯރާ ޖޭމިސަން އައްޔަން ކޮށްފި އެވެ.

ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ހޯއްދަވާފައިވާ އަދި ކަސްޓަމާ އެކްސްޕީރިއަންސް، އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ.

މި ދާއިރާގައި އޭނާ އަދާ ކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބާކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމަ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމު އަދި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމް ހިމެނެއެވެ. މީގެ އިތުރުން ޔޫކޭގެ އައިވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓަ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑަ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ލޯރާ އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ލޯރާ ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކާއެކު ކަސްޓަމަރުން އުއްމީދުކުރާފަދަ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް