ކޮރޯނާ ވައިރަސްއަށް ދެ މުވައްޒަފަކު ޕޮސިޓީވް ވެގެން ކަރަންޓީން ކޮށްފައިވާ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ބޭނުންވާ ޒަރޫރީ ތަކެތި ރައްކާކޮށްފައި އެބަ ހުރި ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ކުރެއްދޫ ރިސޯޓުން ފޭސްބުކްގައި ބުނެފައިވަނީ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވީ ނަމަވެސް، އެ ރަށުގައި މިވަގުތު ތިބި ޓޫރިސްޓުންނާއި މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ޒަރޫރީ ތަކެތި ރައްކާކޮށްފައި އެބަ ހުރި ކަމަށެވެ. އަދި އެހުރިހާ ފަރާތްތަކަށް ރިސޯޓުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.
މި ދަނޑިވަޅުގައި ރިސޯޓުގައި ކަރަންޓީން ކުރެވިފައި ތިބި ގެސްޓުންނާއި މުވައްޒަފުން އަމަލު ކުރަމުންދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާއި އެއްގޮތަށް ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތުގައި އެ ރިސޯޓަށް އެއްވެސް ފްލައިޓެއް ދަތުރު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ރިސޯޓުން ވަނީ ފެބްރުއަރީ23 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހައެއްގެ ނިޔަލަށް އެ ރިސޯޓުން ފުރާފައިވާ ޓޫރިސްޓުންނާއި މުވައްޒަފުން ކޮރޯނާ ވައިރަސްގެ އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައި އެވެ.
ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކަށް ވައިރަސް އެރީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކޮށްފައި ދިޔަ އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ރާއްޖެއިން ފުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އޭނާ ބައްޔަށް ޕޮސިޓިވް ވިކަން އެ ރިސޯޓަށް އެންގީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
ހެލްތް މިނިސްޓްރީން މިހާރު ގެންދަނީ އެ ރަށުގައި ތިބި އެންމެން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ވޭތުވެދިޔަ14 ދުވަސް ތެރޭގައި އެ ރަށަށް އެތެރެވެ އަދި ފުރާފައިވާ މީހުންގެ މައުލޫމާތު ހޯދަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް