ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ދެ މީހަކު ޕޮސިޓިވްވެފައިވާ މި ދަނޑިވަޅުގައި އިސްކަން ދޭންވީ ކަންބޮޑުނުވެ ސަރުކާރުން ދެމުންދާ އިރުޝާދުތައް އަޑުއެހުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސްގެ ދެ ކޭސްއެއް ރާއްޖެއިން ފެނުމާއި ގުލިގެން ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަވާ އެވެ. އެގޮތުން ގިނަ މީހުން ބައިވެރިވާ އެއްވުންތައް މަދުކޮށް، ވީހާ ވެސް ހަރަދުތައް ކުޑަކުރަން ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ މިނިސްޓަރުން ވިދާޅުވި ކަމަށް، ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖެ އަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ އިގުތިސާދެއް އޮތް ގައުމަކަށްވާތީ ދުނިޔޭގެ ދަތުރުފަތުރަށް އަންނަ ހުއްޓުމާއި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އާއި އިޓަލީން މީހުން އައުން މަނާކުރުމުން އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަަމަށް ބެލެވެ އެވެ. އެހެންކަމުން ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެ ބަކިން ރައްޔިތުން ސަލާމަތްކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުމަށް ކަމަށެވެ.
ކުރެއްދޫ ރިސޯޓުން ވައިރަސްއަށް ޕޮސިޓިވް ވީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި އެވެ. ހެލްތް މިނިސްޓްރީން ބުނީ އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް