ކޮވިޑް-19: ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން ކެންސަލްކޮށްފި

ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިފައިވާތީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ދަސްވެނިވުން ކެންސަލް ކޮށްފި އެވެ. ގައުމީ ޔ...

08 Mar 2020 | 06:10

ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިފައިވާތީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ދަސްވެނިވުން ކެންސަލް ކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީން ދަރިވަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެފައިވާތީ މުއްދަތެއް ނެތް ގޮތަށް އެ ހަފްލާ ފަސްކުރެވިފައިވާ ކަމަށެވެ. އަދި ދަސްވެނިވާ ކުދިން އަޅަން ޔުނިވާސިޓީން ދީފައިވާ ގައުން މިމަހުގެ11 ވަނަ ދުވަހުގެ ކުރިން އަނބުރާ ހަވާލު ކުރުމަށް ވަނީ އަންގާފަ އެވެ.

އެމްއެންޔޫއިން ބުނީ ފަހުގެ ތާރީހުގައި ބާއްވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ދަރިވަރުންނަށް، ދަރިވަރުންގެ ހިދުމަތްތަކާއި ބެހޭ ބައިން ރިފަންޑު ލިބޭނެ ކަމަށެވެ. އަދި އެ ދަސްވެނިވުމުގެ ކުރިން ސެޓްފިކެޓް ބޭނުންވާ ކުދިންނަށް11 މާޗްގެ ކުރިން ރަޖިސްޓްރާގެ އޮފީހުން ސެޓްފިކެޓް ލިބޭނެ ކަމަށާއި ސެޓްފިކެޓް ނެގިނަމަވެސް ބޭނުންވާ ނަމަ ފަހުން ބާއްވާ ދަސްވެނިވުމުގައިވެސް ބައިވެރިވެވޭނެ ކަމަށެވެ.

މިރޭ ބާއްވަން ހަމަޖައްސާފައި އޮތީ މިދިޔަ ޑިސެމްބަރު މަހު އެ ޔުނިވާސިޓީގެ ކޯސްތައް ފުރިހަމަ ކުރި ކުދިންގެ ދަސްވެނިވުމެވެ. މިރޭގެ ހަފްލާއަށް އެމްއެންޔޫ އޮތީ ފުރިހަމައަށް ތައްޔާރުވެފައި އެވެ. އެގޮތުން މެހެމާނުންނާއި ދަރިވަރުންގެ ބެލެނިވެރިން ނަށް ވަނީ ޖަލްސާގެ ދައުވަތުވެސް ދީފަ އެވެ.

އެމްއެންޔޫގެ އިތުރުން ގިނަ ބަޔަކު ބައިވެރިކޮށްގެން ބާއްވާ ހުރިހާ ހަރަކާތެއްހެއް މިހާރު ވަނީ ކެންސަލްކޮށްފައި އެވެ. އެޗްޕީއޭއިން ބުނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް