ކޮރޯނާ ވައިރަސްގެ ބިރުވެރިކަން އެންމެ ފުރަތަމަ ފެތުރު ދުވަސްވަރު ގިނަ ބަޔަކު ފާމަސީތަކަށް ގޮސް އެއް ފަހަރާ ގިނަ އަދަދެއްގެ މާސްކް ގަނެ ރައްކާކުރަން މަސައްކަތް ކުރި އެވެ. ނަތީޖާއަކަށްވީ އެދުވަސްކޮޅަށް ގަތް ބިރު ފިލުމުން ހުރިހާ މާސްކުތަކެއް މަގުމައްޗަށް އުކާފައި ހުއްޓަ ފެނުމެވެ.
ފައިސާ ހުއްޓަސް އެއްޗެއް ގަންނަން ވާނީ އެ އެއްޗެއްގެ ބޭނުން ޖެހުމުންނެވެ. ކޮރޯނާ ވައިރަސްއާއި ގުޅިގެން މި ވަގުތަކީ އަނެއްކާވެސް މާސްކުގެ ވާހަކަ ދިވެހިން ދައްކަން ފަށާފައިވާ ވަގުތެވެ.
މިއީ ހުރިހާ އެންމެން މާސްކު އަޅައިގެން ރައްކާތެރިކަން ހޯދަންވީ ވަގުތެވެ. އެކަމަކު މާސްކު ގަންނާކަށް އެސްޓީއޯ އަކުން ނުލިބެ އެވެ. ނުވަތަ އެހެން ފާމަސީތަކުން މާސްކު ވިއްކަނީ ދެގުނަ ބޮޑުކޮށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި އެކު ރައްޔިތުން ވެއްޓޭނީ އިތުރު ހާސްކަމެއްގެ ތެރެއަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރޭ ވިދާޅުވީ މާސްކު ވިއްކާނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށެވެ. ފީސަބީލިއްލާހި ނުވަތަ އަންނަ ކޮންމެ މީހަކަށް ޑަޒަނުން މާސްކު އެސްޓީއޯއިން ނުވިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާވެސް އާންމުން ހިތްހަމަ ނުޖެހުނެވެ. ބޭނުންވި ވަގުތު އެންމެންނަށް ވާވަރަށް މާސްކު އެސްޓީއޯގައި ނެތީކަމަށާއި މަސައްކަތް ކުރަނީ ރައްޔިތުންނަށް ދަތި ކުރަން ކަމަށް ސޯޝަލް މީދިއާގައި ހިޔާލުފާޅު ކުރި މީހުން ބުނެފައިވެ އެވެ.
"އަޅުގަނޑުމެން މާސްކު ވިއްކާނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް، އެމީހުންނަށް އެއްވެސް ދަތިކަމެއް ނެތި މާސްކު ލިބޭނެ. މިއީ އަދި އެންމެން މާސްކު އަޅައިގެން އުޅެންވީ ވަގުތެއް ނޫން. ގޭގައި ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުނީމަ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭނެ،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާސްކު އެބަ ހުއްޓެވެ. އެކަމަކު ކޮރޯނާ ވައިރަސްއާއި ގުޅިގެން ބޭހާއި ފާމަސޫޓިކަލް ސާމާނު ބޭރު ކުރުން އެހެން ގައުމުތަކުން ދަނީ ކޮންޓްރޯލް ކުރަމުންނެވެ. ރާއްޖެއަކީ ހުރިހާ އެއްޗެއް އިމްޕޯޓު ކުރަން ޖެހޭ ގައުމެކެވެ.
މިއީވެސް ރައްޔިތުން ވިސްނާލަން ޖެހޭ ކަމެކެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފު ވިދާޅުވީ ކޮރޯނާ ވައިރަސްގައި ރާއްޖެ ކުރިން އޮތް ހާލަތު ބަދަލުވިޔަސް އަދި މިއީ އެންމެން މާސްކު އަޅަންޖެހޭ ވަގުތު ނޫންކަމަށެވެ. މި ވަގުތު މާސްކު އަޅަންވީ ހަމައެކަނި ބަލި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާސްކަކީ އާންމުކޮށް ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅެއް ކަމަށާއި ބަލި ނުޖެހޭ މީހުން މިހާލަތުގައި މާސްކު އަޅައިގެން އުޅުނަސް ކުރާނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.
"މާސްކު އަޅަންވީ ބަލި މީހުން. އެއީ ކެއްސާ ކިނބި އަޅާއިރު އަނގައިން ބޭރުވާ ޖަރާސީމުތައް މާސްކުގައި ޖެހުމުން އެހެން މީހުންނަށް އޭގެ އަސަރެއް ނުކުރާނެ،" ޑރ. އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ރައްޔިތުން ހާސްކަމުގެ ތެރެއަށް ވެއްޓެންވީ ވަގުތު ނޫން ކަމަށާއި ރައްކާތެރިކަމަށް މާސް ހޯދައިގެން އެޅުމުގެ ބަދަލުގައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރަންވީ ކަމަށެވެ.
ކޮރޯނާ ވައިރަސް އެމެރިކާއިން ފެނި ރާއްޖެ މިހާރު މިއޮތް ހާލަތުގައި އޮތް އިރު އެމެރިކާ ރައްޔިތުންވެސް ވަނީ ކިޔޫގައި ޖެހިގެން މާސްކުގަނެ ހުސްކޮށްފައިވެ އެވެ. އެ ދުވަސްވަރު ޑިމާންޑު ބޮޑުވެ ފޭސް މާސްކު އުފައްދާ ކުންފުނިތަކަށް ޑިމާންޑާއި އެއްވަރަށް މާސްކު ބާޒާރަކަށްވެސް ނުނެރެވުނެވެ.
https://twitter.com/HPA_MV/status/1234879955990798336
އެކަމާ ގުޅިގެން އެ ގައުމުގެ ގައިން ގަޔަށް އަރާ ބަލިތައް ދިރާސާ ކުރާ ފަރާތެއްކަމަށްވާ ޑރ. ޗާލްސް ޗިއު ވިދާޅުވެފައިވަނީ އާންމުކޮށް މާސްކު އަޅަން ޖެހޭ ހާލަތަކީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރެން ފެށޭ ހިސާބެވެ. އެއީ ރަތް ލެވަލް އެވެ.
ދުނިޔޭގައި ފެތުރުނު ނުރައްކާތެރި ރޯގާތަކުގެ ތެރެއިން ސާސް ރޯގާ ފެތުރުން ކޮންޓްރޯލްވުމަށް ފޭސް މާސްކު މުހިންމު ދައުރެއް އަދާ ކުރިކަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާ، ސައުތް ކޮރެއާ، އިޓަލީ އަދި އީރާން ފަދަ ގައުމުތަކުގައި މިހާރު ކޮރޯނާ ވައިރަސް އޮތީ އާންމުކޮށް މީހުން ފޭސް މާސްކު އަޅަން ޖެހޭ ހާލަތެވެ.
ފައިސާ ހަރަދުކޮށްގެން މި ދުވަސްވަރު އެއްޗެހި ގަތުމުގެ ކުރިން ވިސްނާ މައުލޫމާތު ހޯދަންވީ ސިއްހީ މާހިރުން އެކަމަކާއި ގުޅޭގޮތުން ދޭ މައުލޫމާތާއި ދެކޭ ގޮތެވެ. އަމިއްލައަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާނީ ސިއްހީ މާހިރުންގެ އިރުޝާދާއި އެއްގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް