ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ނޯ ޕްލާސްޓިކް މޯލްޑިވްސް ޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފިއެވެ.
މި ޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފައިވަނީ، ވާޗުއަލްކޮށް ރޭގެ ވަގުތެއްގައި ބޭއްވި އެ ޖަމިއްޔާގެ މެންބަރުންގެ ބައްދަލުވުމެއްގައެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވަނީ ރައީސަކާއި ނައިބުރައީސަކާއި ސެކްރެޓަރީއަކާއި ހަޒާންދާރުގެ އިތުރުން ބޯޑު ދެ މެންބަރުންނެވެ.
ރައީސް ކަމަށް އަހްމަދު ނުއުމާން އިންތިހާބުކޮށްފައިވާއިރު ނައިބުރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ޝަމްއާން ޝާކިރެވެ. ސެކްރެޓަރީ ކަމަށް ހަނާން ސައީދު އިންތިހާބުކޮށްފައިވާއިރު ހަޒާންދާރުކަމަށް އިންތިހާބުކޮށްފައިވަނީ ނުޒްހާ ނާޝިދެވެ. މީގެ އިތުރުން ބޯޑު މެންބަރު ކަމަށް އިންތިހާބުކޮށްފައިވާ ދެ ފަރާތަކީ އެގްޒީ ކްރިސްޓެލް މެންޓޭސް އާއި މުހައްމަދު އަދުނާނެވެ.
އެ ޖަމިއްޔާއިން ބުނާގޮތުގައި އެ ޖަމިއްޔާގެ އުންމީދަކީ ޖަމިއްޔާގެ އާ ބޯޑާއެކު، ޖަމިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާވެ ޖަމިއްޔާ ކުރިއަރައިގެން ދިއުމެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ޕްލާސްޓިކް ފޭސްއައުޓް ކެމްޕެއިންނާއި ގުޅިގެން އާންމުން ހޭލުންތެރިކުރުވުމާއި އަދި އެދާއިރާގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް