މުސްލިމުންގެ ތެރެއިން ފާޅުވާ އެންމެ ގިނަ ފިތުނަތައް ނުކުމެގެން އަންނަހުށީ قَرْنُ الشَّيْطَان (ޝައިޠާނާގެ ދަޅު)[1] އެދިމާއަކުން އަރައިގެން އަންނަ ފަރާތް ކަމުގައިވާ އިރުމަތީ ބިތުންނެވެ. އެއީ ރަޙުމަތުގެ ނަބިއްޔާ صلى الله عليه وسلم ދެއްވާފައިވާ ޚަބަރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ފަހެ ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم އިރުމައްޗާ ވީފަރާތަށް ކުރިމަތިލައްވައި ޙަދީޘް ކުރައްވާތީ އިބްނު ޢުމަރު رضي الله عنه އެއްސެވި ކަމުގައި އައިސްފައިވެއެވެ: ((أَلا إِنَّ الْفِتْنَةَ هَاهُنَا، أَلَا إِنَّ الْفِتْنَةَ هَاهُنَا، مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ))[2] މާނައީ: “ދަންނާށެވެ. ފިތުނަތައް ވަނީ މިދިމާގައެވެ. ދަންނާށެވެ. ފިތުނަތައް ވަނީ މިދިމާގައެވެ. (އެއީ) ޝައިޠާނާގެ ދަޅު އެދިމާއަކުން އަރައިގެން އަންނަ ދިމައެވެ.”
އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ] “އެންމެ ފުރަތަމަ ފިތުނަތައް ފަޅައިގެން އަންނަހުށީ އިރުމަތީ ބިތުންނެވެ. ފަހެ އެއީ މުސްލިމުންގެ މެދުގައި ބައިބައިވުމުގެ ސަބަބެކެވެ. އަދި އެއީ ޝައިޠާނާ އެކަމަކާމެދު ލޯބިކުރާ އަދި އުފާކުރާ ކަންތަކެވެ. އަދި އެދިމާއިން ފެތުރިގެން އަންނަ ބިދުޢަތައްވެސް ހިމެނެއެވެ.”
ދެންފަހެ ޚަވާރިޖުންނާއި ޝިޔަޢީންނާއި ރާފިޟާއިންނާއި ބާޠިނިއްޔާއިންނާއި ޤަދަރިއްޔާއިންނާއި ޖަހުމިއްޔާއިންނާއި މުޢްތަޒިލާއިން، ޢިރާޤުން ފާޅުވިއެވެ. އަދި އެންމެ ގިނަ ކުފުރުގެ ބަސްތައްވެސް ފާޅުވެފައިވަނީވެސް އިރުމަތީ ބިތުންނެވެ. ފާރިސްކަރައިން، ޒިރްދަޝްތީންނާއި[3] މާނަވީންނާއި[4] މަޒްދަކީންނާއި[5] ހިންދޫންނާއި[6] ބުޑިސްޓުން[7]، އަދި ފަހުން ޤާދިޔާނީން[8] ފަދަ މަޖޫސީންނެވެ. އެންމެފަހުން ބަހާއިއްޔާއިން[9] ވެސް މެއެވެ… އަދި މިނޫންވެސް ހަލާކު ކުރަނިވި އެތައް މަޛްހަބެކެވެ.
އަދި ހަމައެފަދައިން ހިޖުރީ ސަނަތުން ހަތްވަނަ ޤަރުނުގައި، ތަތާރުން ފާޅުވެފައި ވަނީވެސް އިރުމަތީ ބިތުންނެވެ. އަދި ތާރީޚުގެ ޞަފްޙާތަކުގައި ލިޔެވިފައި ނުވާފަދަ ބޮޑެތިވެގެންވީ ޤަތުލުއާންމާއި ސުންނާފަތިކުރުންތައް އެބައިމީހުން ހިންގާފައިވާކަން ކަށަވަރެވެ.
ދެންފަހެ މިއަދާ ޖެހެންދެންވެސް ފިތުނަތަކާއި ނުބައިތައް އަދި ބިދުޢަތަކާއި ޚުރާފާތްތަކާއި ކަލަކު ނުވާކަމަށް ޤަބޫލުކުރުންފަދަ އެތައް ކަމެއް ނުކުމެނުކުމެ ހުރުން އިރުމަތީ ބިތުން ފިލައިގެން ނުދެއެވެ. ފަހެ ކަލަކު ނުވާކަމަށް ބުނާ ކޮމިޔުނިޒަމްގެ މަރުކަޒަކީ އިރުމަތީ ބިތުގެ ކޮމިއުނިސްޓު ދެޤައުމު ކަމުގައިވާ ޗައިނާ އާއި ރަޝިޔާއެވެ. އަދި ދައްޖާލު ފާޅުވުމާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ވެސް ފާޅުވާހުށީ އިރުމަތީ ބިތުންނެވެ. ފިތުނަ ތަކުގެ ތެރެއިން ފާޅުވެ ހުރި ކަންކަމާއި ސިއްރުވެފައިވާ ކަންކަމުން އަޅަމެން ރައްކާތެރިކަމަށް އެދެމުއެވެ.
މިތަނުގައި ކޮންމެހެން ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް ވެއެވެ. އެހެނީ ހަމަކަށަވަރުން ބައެއް ފިތުނަ ތަކަކީ ރަސޫލުﷲ صلى الله عليه وسلم އެކަންކަމާމެދު އަންގަވައިދެއްވާފައިވާ ކަންކަމެވެ.
މި ލިޔުމުގައިވާ މައުލޫމާތު ކޮޅަކީ ދި ސަލަފިއްޔާ ވެބްސައިޓުން ނަގާފައިވާ މައުލޫމާތުކޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް