މަކަރާއި ހީތަލުން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ޅ. ހިންނަވަރު އަންބަރީގޭ އުމުރުން 37 އަހަރުގެ އިބްރާހިމް ނަޒީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ނަޒީދާއި ދެކޮޅަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވިކަން ފުލުހުން ހާމަކޮށްފައި މިވަނީ ހާއްސަ ހުއްދައެއްގެ ދަށުން އޭނާ ފުލުހުުންގެ ބަންދުން ދޫކޮށްލި ކަމަށްބުނެ އަޑުފެތުރިފައިވަނިކޮށެވެ. މި މައްސަލައިގަ ދެކޮޅަށް ވާހަކަދައްކާ މީހުން ބުނަމުން ދަނީ ނަޒީދު ފުލުހުންގެ ބަންދުން ދޫކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މައާފެއްގެ ދަށުން ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ނަޒީދާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ތަހުގީގު ކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގަ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާއަށް ހާއްސަ މައާފެއް ލިބިގެން ފުލުހުންގެ ބަންދުން ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ. އަދި އޭނާ އާއި ދެކޮޅަށް ދައުވާ ކުރަން ފޮނުވީ ކޮން ދުވަހަކު ކަމެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ނަޒީދުގެ މައްސަލަ ތަހުގީގު ކުރީ ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަ މައްސަލައިގަ އެވެ. އެ މައްސަލައިގަ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު ވަނީ އޭނާގެ ފޮޓޯ އާންމުކޮށް ނަޒީދުގެ ފަރާތުން މަކާރާއި ހީލަތުގެ މައްސަލައެއް ކުރިމަތިވި މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓު ކުރަން އަންގާފައި އެވެ.
އޮޅުވަލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް