ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
އޭނާ ހާޒިރު ކުރަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މައްސަލަ އާއި ގުޅިގެންނެވެ.
އެ ދުވަހުގެ މުޒާހަރާ އާއި ގުޅިގެން އިއްޔެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ. ފުލުހުން އިއްޔެ ވަނީ އަދުރޭގެ މައްޗަށް ދަތުރުފަތުރުކުރަން އުނދަގޫވާ ގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ ހުރަސްއެޅުމާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަތްކަމުގެ ތުހުމަތާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައި އެވެ.
އަދުރޭ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާ ބަޔާނުގައި ސޮއި ކުރައްވަން ދެކޮޅު ހައްދަވާފައި އެވެ.
އެ ދުވަހުގެ މުޒާހަރާ އާއި ގުޅިގެން ޝުޖާއު އާއި އަދުރޭ ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންގޮސްފައިވެ އެވެ. އެކަމަކު އަނެއް ދުވަހު މުއްދަތު ޖަހަން ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެބޭފުޅުން ދޫކޮށްލަން އަމުރު ކޮށްފައި އެވެ.
ޝުޖާއު ވަނީ މީގެ ކުރިން އިދިކޮޅުން ބޭއްވި އެއްވުމެއްގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައި ވާތީ ޖޫރިމަނާކޮށްފައި އެވެ. އެއީ އާންމުތަނެއްގައި މާސްކު ނާޅާ އުޅެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް