ރިސޯޓުތަކުގެ މުވައްޒަފުންނަށް ކޯވިޑް ޖެހެނީ ޓޫރިސްޓުން ފަރާތަކުން ނޫން!

ރިސޯޓުތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައި ވިޔަސް މުވައްޒަފުންގެ މެދުގައި ބަލި ފެތުރެމުންދަނީ ޓޫރިސްޓުންގެ ފަރާތުން ކޯވިޑް ޖެހިގެން ނޫން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝ...

08 Feb 2021 | 05:57

ރިސޯޓުތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައި ވިޔަސް މުވައްޒަފުންގެ މެދުގައި ބަލި ފެތުރެމުންދަނީ ޓޫރިސްޓުންގެ ފަރާތުން ކޯވިޑް ޖެހިގެން ނޫން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރިސޯޓުތަކުގައި ޕޮސިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފައި އެވެ. މީގެ ކުރިން އެޗްއީއޯސީން ބުނެފައިވަނީ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާތީ ރިސޯޓުތަކުން ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިންވެސް ލަފާ ކުރެވިފައިވާ ކަމަށެވެ.

އެޗްއީއޯސީން ކުރިން އެހެން ބުނުމުން އެންމެންވެސް ގަބޫލު ކޮށްގެން ތިބީ އެއީ ޓޫރިސްޓުންގެ ފަރާތުން މުވައްޒަފުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވީ ކަމަށެވެ.

އެކަމަކު ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރިސޯޓުތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ކޯވިޑަށް ޕޮސިޓިވްވަމުން ދިޔަޔަސް އެމީހުންގެ ކޮންޓެކްޓުން ދެނެގަތުމުގެ ތެރެއިން އެނގިގެންދާ ކަމަކީ ބަލި ޖެހިފައިވަނީ ޓޫރިސްޓުންގެ ފަރާތުން ނޫންކަމެވެ. އޭނާ ވިދާޅުވީ ޕޮސިޓިވްވާ ވަރަށް މަދު މުވައްޒަފެއްގެ ކޮންޓެކްޓަކަށް ނޫނީ ޓޫރިސްޓަކު ނުވާ ކަމަށާއި އެހެން ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މަދު ޓޫރިސްޓުންވެސް ކޯވިޑަށް ޕޮސިޓިވް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންނަށް ބަލި ޖެހެމުންދަނީ ރާއްޖެއިން ބޭރުންނާއި މާލެއިން ރިސޯޓުތަކަށްދާ މުވައްޒަފުން ކަރަންޓީން ކުރުމުގައި ފަރުވާ ކުޑަކުރުމާއި އެޗްޕީއޭއިން އެކުލަވާލާފައިވާ ކަރަންޓީން ގަވައިދަށް އަމަލު ކުރުމަށް ރިސޯޓުތަކުގެ މެނޭޖްމެންޓުން މުވައްޒަފުންނަށް ބާރު ނާޅާތީ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގިނަ ރިސޯޓުތަކެއްގައި ކޯވިޑް ފެތުރުމުން މިހާރު ރިސޯޓުތަކުން މުވައްޒަފުންގެ ގިނަ ކަންކަން އިސްލާހު ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަރަންޓީން ކުރުމާއި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ކޯވިޑަށް ޓެސްޓު ކުރުމަށް ސަމާލުކަން ދެމުންދާ ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަާއިރު މިދިޔަ 24 ގަޑިިރު ތެރޭގައި ރިސޯޓުތަކުން ވައިރަހަށް 13 މީހަކު ޕޮސިޓިވްވެފައިވެ އެވެ.

އަދި މިހާރު އޮޕަރޭޓް ކުރާ ރިސޯޓުތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 436 ޕޮސިޓިވް މީހުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް