މާލޭގެ ވިޔަފާރި ބަނދަރުގައި ކައިރި ކައިރީގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގައި ބަޔަކަށް އަނިޔާވެފައި ވާތީއާއި އެ ސަރަހައްދުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތޔުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްވީ 31 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދިންއިރު ވަކި ކޮޅަކަށް ވޯޓް ނުދޭ ހަ މެންބަރަކު ތިއްބެވެ.
މި ފަހަކަށް އަހިސް އެމްޕީއެލްގައި ނުރައްކާތެރި ތިން ހާދިސާ ހިނގާފައިވެއެވެ. އެގޮތުން ޖަނަވަރީ 26 ގައި ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުން ދަނިކޮށް ބިއްލޫރި ޕެލެޓެއްގެ ދަށުވެ މީހަކު ނިޔާވެފައި ވެއެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހު ކާޕެޓް ރޯލެއްގެ ދަށުވެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.
އެ މައްސަލައިގެ ގަރާރުގައި ވަނީ، އެ ސަރަހައްދުގައި މަސައްކަތް ކުރާ އާންމުންނާއި އެމްޕީއެލްއާއި ކުންފުނިތަކުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ނުދެވުމާއި ފަރުވާ ކުޑަ ވުމާއި މަސައްކަތް ކުރާ މާހައުލުމުގެ ރައްކާތެރިކަމަށް އިހުމާލުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ މީހުން ނިޔާވުމާއި އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި އަނިޔާތައް ލިބެމުންދާތީ އެއިން ކޮންމެ އިހުމާލަކީ އަނިޔާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެހެންކަމުން މާލެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނިޓަރިން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި ރިސްކް މެނޭޖްމަންޓް ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމަށް އޭގައި ގޮވާލާފައިވެއެވެ. ސަލާމަތާއި ރައްކާތެރިކަމަށް މުވައްޒަފުންނަށް އެނގެން ޖެހޭ ކަންކަމަށް އަހުލުވެރިކޮށްދިނުމާއި ތަމްރީންތައް ދިނުމަށް ވެސް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް