ދަރުކޮށައިގެން ބުރަކަށި މަތީގައި ދަރުބޮނޑި އުފުލުންވެސް ސަލާންޖެހުމަށްވުރެން ހެޔޮކަން ބޮޑު

އިސްލާމްދީނަކީ މަސައްކަތްތެރިކަމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެކެވެ. ހަމައެކަނި އަޅުކަމަށް ހުސްވެ އިންނަން އިސްލާމްދީން ބާރު ނާޅައެވެ. އެއީ އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެކެވެ. އެހެން ނަމަވެސް ދުނިޔެ...

08 Jan 2021 | 17:20

އިސްލާމްދީނަކީ މަސައްކަތްތެރިކަމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެކެވެ. ހަމައެކަނި އަޅުކަމަށް ހުސްވެ އިންނަން އިސްލާމްދީން ބާރު ނާޅައެވެ. އެއީ އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެކެވެ. އެހެން ނަމަވެސް ދުނިޔެވީ ޙަޔާތުގައި އަޅުކަމެއްގެ ގޮތުން މަސައްކަތް ކުރަމުންދާއިރު ދީނީ ފަރުޟުތަކާއި ވާޖިބުތައް މަތީން ހަނދާން ބަހެއްޓައި އެ ކަންތައްތަކަށް ފަރުވާތެރިވާން ޖެހެއެވެ.

އެގޮތުން ކީރިތި ޤުރުޢާނުގައި الله ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.

މާނައީ: "ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އަދި ތިޔަބައިމީހުން االله ގެ فضل ވަންތަކަމުން )ދެއްވުމަށް އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން االله ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. ( الجمعة 10 )

މަސައްކަތް ކުރުމަށް ބާރުއަޅުއްވައި މާތް ނަބިއްޔާ ޞައްލަاالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

މާނައީ: " ތިޔަބައިމީހުންގެ ތެރެއިން މީހަކު ދަރުކޮށައިގެން އެ ދަރުބޮނޑި އޭނާގެ ބުރަކަށިމަތީގައި އުފުލައިގެން އެއިން މަންފާ ހޯދުން މީހެއްގެ ކައިރިއަށްގޮސް ސަލާންޖެހުމަށްވުރެން ހެޔޮކަންބޮޑުވެގެންވެއެވެ. އެމީހާ އޭނާއަށް ދިނަސް ނުވަތަ ނުދިންކަމުގައި ވިޔަސްމެއެވެ."

އަދިވެސް މާތް ނަބިއްޔާ ޞައްލަاالله ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

މާނައީ: " ހެނދުނާ ގޮސް ދަރުކޮށައިގެން އެ ދަރު އެމީހާގެ ބުރަކަށިމަތީގައި އުފުލައިގެން އެ ވިއްކައިގެން ފުދުންތެރިވުން, މީހެއްގެ ގާތަށް ގޮސް ސަލާން ޖެހުމުން އޭނާ ދިނަސް އަދި ނުދިނަސް, ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ހަމަ ކަށަވަރުން ދޭ މީހާގެ ހެޔޮކަން ހޯދާ މީހާއަށްވުރެން ބޮޑުވެގެންވެއެވެ. އެހެންކަމުން (ހޭދަކުރަން ފަށާއިރު) އެންމެ ގާތް މީހުންނަށް އިސްކަންދޭށެވެ."

އެންމެ ބަރަކާތް ލެއްވިގެންވަނީ އިންސާނާ އޭނާގެ ޙަލާލު މަސައްކަތުން އަދި އަމިއްލަ މަސައްކަތުން ހޯދާ ތަކެތީގައެވެ. އެކަން އަންގަވާ ކީރިތި ޤުރުޢާނުގައި الله  ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.

މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢު ނުވާށެވެ. ހަމަކަށަވަރުން އެ ޝައިޠާނާއީ, ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދުއްވެކެވެ."

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.

މާނައީ: " އެކަލާންގެ ތިޔަބައި މީހުންނަށްޓަކައި ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ އެތާންގެ ކަންކޮޅުތަކުގައި ތިޔަބައި މީހުން ހިނގައި ދަތުރުކުރާށެވެ. އަދި އެކަލާންގެ ދެއްވި ރިޒްޤުން ކާށެވެ. އަދި އަލުން ދިރުއްވައި ފޮނުއްވަނީ, އެކަލާނގެ ޙަޟުރަތަށެވެ.

އިސްލާމް ދީނުގައި މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައިވީ ނަމަވެސް އަޅުކަން ކުރުން ދޫކޮށް ދިރިއުޅުމުގެ މަސައްކަތަށް ހުސްވެ ތާ އަބަދު މަސައްކަތުގައި އުޅުމަކީ ދީނާ ޚިލާފު ކަމެކެވެ. ހަމަ އެފަދައިން ކާން ބޯން ކުރާ މަސައްކަތް ހުއްޓާލާ މުޅި ޙަޔާތް ދީނީ އަޅުކަމަށް ހުސްކުރުމަކީވެސް މާތް ނަބިއްޔާ ޞައްލަااللهޢަލައިހި ވަސައްލަމަގެ ހަދުޔާ ޚިލާފުކަމެކެވެ.

މާނައަކީ: " މާތް االله ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. ތިން މީހަކު މާތް ނަބިއްޔާ ޞައްލަااللهޢަލައިހި ވަސައްލަމަ އަޅުކަން ކުރައްވާގޮތް ބެލުމަށްޓަކައި އެކަލޭގެފާނުގެ ގަނޑުވަރަށް ޒިޔާރަތްކުރިއެވެ. އެބައިމީހުންގެ އަޅުކަންތައް ހުރިގޮތުން އެކަންތައް މާ މަދުވެގެން އެބައިމީހުން ވާހަކަދެއްކިއެވެ. އަދި ބުންޏެވެ. ރަސޫލާއަކީ އިސްވެދިޔަހާ ފާފައަކާއި ކުރިއަށް އޮތް ތަނުގައި ކުރެވެންއޮތްހާ ފާފައެއް ފުއްސަވާފައިވާ ބޭކަލެކެވެ. އެހެންވީމާ އަހަރެމެން މީ އަދި ކޮން ބައެއްހެއްޔެވެ. ދެން އެތަނުން އެކަކު ބުންޏެވެ. އަހަރެން މުޅިރޭ އެއްކޮށް އުޅޭނީ އަޅުކަމުގައެވެ. އަނެކަކު ބުންޏެވެ. އަހަރެން މުޅި އަހަރުދުވަހު ހުންނާނީ ރޯދައަށެވެ. އެއްވެސް ދުވަހަކު ރޯދަ ދުލެއް ނުކުރާނަމެވެ. އަނެކަކު ބުންޏެވެ. އަހަރެން އަންހެނުންނާ ދުރުހެލިވެ ދުވަހަކުވެސް މީހަކާ ނީންނާނަމެވެ. އެހިނދު މާތް ނަބިއްޔާ ޞައްލަاالله ޢަލައިހި ވަސައްލަމަ އެބައިމީހުންގެ ގާތަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ. މިވެނި އެވެނިހެން ތިޔަބައި މީހުން ބުނިމެންނޫންހެއްޔެވެ. ދަންނާށެވެ. الله  ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ މާތް الله އަށް އެންމެ ބޮޑަށް ބިރުވެތިވާ އެންމެ ތަޤުވާވެރި މީހާއެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސް ކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާ ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފި މީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ މީހެއް ނޫނެވެ."

ޙަލާލު ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެކެވެ.  މުޖުތަމަޢުގެ ވަކި މަސައްކަތަކީ އެއީ ޤަދަރުވެރި މަސައްކަތެއް ކަމުގައި ދެކިގެން ވަކި މަސައްކަތެއް ނޫނީ ނުކުރަން ނުތިބޭށެވެ. ޙަލާލު އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނުނެވެ. އެގޮތުން މުސްލިމުން ދުނިޔެމަތީގައި މަސައްކަތް ކުރަނީ ދިރިއުޅުމަށްޓަކައި މަންފާ ހޯދުމަށާއި އަދި الله އަށް އަޅުވެތިވުން ފުރިހަމަކުރުމަށްޓަކައި ކަމަށްވާތީ ދުނިޔެމަތީގައި ކުރާ ޙަލާލު ކުޑަ މަސައްކަތުންވެސް އުޚުރަވީ ޙަޔާތުގައި އެކަމުގެ ހެޔޮ ޖަޒާ ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް