ފޮނަދޫގައި ކުނިގޮނޑުގެ މައްސަލަ ބޮޑުވެ، އާންމުރައްޔަތުންގެ ކަންބޮޑުވުން އިންތުރުވަނީ!

ފޮނަދޫގެ އުތުރު ފަރާތު އަތިރިމަތީގައި ހުރެފައި އިރު ދެކުނަށް ބަލާލާއިރު އެފެންނަނީ ފޮނަދޫގެ ބޮޑު މާސިންގާ ކުނި ގޮނޑެވެ. ބިޔަވެ ފެތުރެމުން  އައިސް ރަށެއްގެ ސިފަޖެހެނީއެވެ. ސާފުނުކޮށް ގިނަ ދުވަސްވާވަރަކ...

08 Jan 2021 | 05:05

ފޮނަދޫގެ އުތުރު ފަރާތު އަތިރިމަތީގައި ހުރެފައި އިރު ދެކުނަށް ބަލާލާއިރު އެފެންނަނީ ފޮނަދޫގެ ބޮޑު މާސިންގާ ކުނި ގޮނޑެވެ. ބިޔަވެ ފެތުރެމުން  އައިސް ރަށެއްގެ ސިފަޖެހެނީއެވެ. ސާފުނުކޮށް ގިނަ ދުވަސްވާވަރަކަށް ބޮޑުވެ ބިޔަ ވަމުން ދަނީއެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ފޮނަދޫގެ ސިއްހަތާ ވެށީގެ ސާފުތާހިރު ކަމާ ގުޅިފައިވާ ހައްލު ނުކުރެވި ގިނަ ދުވަސްވެފައި އޮތް ޖަރާސީމު ފުންޏެކެވެ. ދެ ހާހަށް ވުރެ ބޮޑު އާބާދީއަކުން ކޮންމެ ދުވަހަކު އުކާލާހައި ކުންޏެއް ޖަމާވެ އެތަކެތިި ނައްތާނުލެވޭ ނަމަ އެކުނި ގޮނޑު ވެގެންދާނީ ބަލިތައް އުފައްދާ ކާރުޚާނާ އަކަށެވެ.

ކުނިގޮނޑާއި ކައިރިވެ ބަލާލުމުން މި މަންޒަރާއި މި ވާހަކަ ކިޔައިދޭލެއް އަދި މާރީއްޗެވެ.

މެންދުރު ގަދަ ހޫނުގައި ކުޑަކުޑަ ފަރުބަދަ އެއްގެ ގޮތަށް ސިފަޖެހެމުން އަންނަ އެކުނި ގޮނޑު ފެތުރެމުން ބިޔަވަމުން އަންނަމުން ދިޔަނަމަވެސް ކުނި ގޮނޑުގެ ކައިރި ހިސާބުގައި ފެތުރިފައިއޮތް ކުނިތައް ، ކުނި ގޮނޑުގެ މައްޗަށް އަޅަން މަސައްކަތް ކުރާ ބަޔަކުވެސް އަދި މަސައްކަތް ނުރާ ތަނެއްވެސް ނުފެނެއެވެ. އެއަށްވުރެ ބޮޑު ސަމާލު ކަމެއް ދެވުނީ އެތަނުގައި ކުނިވެފައިވާ ތަކެތި ހޮވާކަ ކެއުމަށް ހޯރަ އަޅައަޅާ އޮތް ކާޅުތަކަށެވެ. އެސޮރު މެންނަށް ލިބިފައިވާ ޣަނީމާ މުދާތައް ހާވައި ނޮޅައިގެން ވީދައި ކައި ހަދަނީއެވެ. މެހީގެ ބިޔަ ރަސްކަމެއް ގާއިމްވެފައިވާ އެ މައިދާނުގައި އެސޮރުމެންވެސް ކާޅު ތަކަށް ދޫކުރުމެއްނެތި ހުރިވަރެއް ދައްކަމުން ދެއެވެ. އެ އެތަނުގައި ދިރިއުޅޭ މީދަލާއި ބުޅާ ތައްވެސް ބިރެއް ނެތި މިނިވަން ކަމާއެކު ކޮޅުކޮޅަށް ދުވާތަން ފެންނާނެ އެވެ.

މިހާލުގައި ކުނި ގޮނޑު އޮތުމުން މި ކަމުގެ އުނދަގޫތައް ދިމާވަމުން ދަނީ ރަށުގެ ބޮޑު އާބާދީއަށެވެ. ކުނިގޮނޑުގެ ކައިރި ހިސާބުގައި ދިރިއުޅޭ މީހުންނަށް ވަކިން ބޮޑަށެވެ. އެމީހުންގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. ކުނިގޮނޑު އެހެން އޮވެ ކުނި ވަމުން ދާތީ އެ ހިސާބުގަނޑުގައި ދިރިއުޅެން ދަތިވާ ވަރަށް މެހީގެ އުނދަގޫ ވަނީ ބޮޑުވެފައިކަމަށް އެމީހުން ބުނެއެވެ. އެކަމުގެ ސަބަބުން ބަލިމަޑުކަމެއް އުފެދި ފެތުރިގެން ހިގައިދާނެ ކަމުގެ ބިރުވެރިކަމާއި ކަންބޮޑުވުން ފާޅު ކުރިއެވެ.

” ކުނި ގޮނޑު ބޮޑުވަމުން ގޮސް ކުނިއުކަން އެންމެން ދުއްވާ ބޮޑު މަގު ބެދިއްޖެ، މިވަރުން ދަންޏާ އަދި އަވަށުތެރެއާއި ހަމައަށް އަރާނެ. މި ޝަކުވާ ކުރަން ދާނެ ތަނެއްވެސް ނެތް. ދެން ލެއްވި ރަހްމަތް އެއީ ހެޔޮ ތަހުމަތް ކަމުގައި ދެކިގެން މި ނޫން ދުވަހެއްގެ އިންތިޒާރުގައި މި ތިބެނީ. މީހުންނާ ރަށް ތަރައްގީ ވާހަކަ ދައްކާ އިރު އާއްމު ސިއްހަތާ ގުޅިފައިވާ މިފަދަ ކަންކަން ހައްލު ކުރަން ތިބި މުވައްސަސާ ތައް އޮތީ ނިދާފައި. ރަށު ކައުންސިލުން މިކަމަށް އެއްވެސް އަޅާލުމެއް ނުދޭ.” އެހިސާބުގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

އެހެން މީހަކު ބުނީ ކުނިކޮށްޓަށް ތަނެއް ދޮރެއް ނުބަލައި ކުނި އުކާލުމަކީވެސް އެ ތަން އިތުރަށް ގޮނޑުވުމަށް ލިބޭ ބާރެއް ކަމުގައެވެ. ” ކުނިވެފައި ހުންނަ އެއްޗިއްސާ ކުނިވާ ޒާތުގެ އެއްޗެތި ގޮތެއް ފޮތެއް ބެލުމަކާ ނުލާ ގެނެސް ރޭގަނޑުވެސް ގެނެސް އަޅަނީ. ބައެއް ވިޔަފާރިވެރިން އެމީހުންގެ ފިހާރަތަކުން އުފެދޭ ކުނި މި އުކާލަނީ އައިސް އެއްވެސް ބެލުމެއްނެތި މި ގޮނޑަށް .” ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

ކުނީގެ ނިޒާމު މިކަން މިހެން ހިނގަމުން އަންނަތާ އަހަރު ތަކެއް ވެފައި ވާއިރު މި ކަމުގެ ހައްލަކީ ކޮބާ ހެއްޔެވެ؟ ކައުންސިލުން ތިބީ ސަރުކާރަށް ބަރޯސާ ވެގެން ނެވެ. ކުނިގޮނޑު ބަލަހައްޓަމުން ގެންދަނީ ރަށު ކައުންސިލުންނެވެ. އެހެންވީމާ ކޮންމެ މީހަކުވެސް އިނގިލި ދިއްކުރަނީ ރަށު ކައުންސިލަށެވެ.

މީގެ ކުރިން ކުނި ގޮނޑުގެ ކަންތައް ބަލަހައްޓަމުން ގެންދިޔައީ ރަށު ކައުންސިލުގެ ދަށުން ހިންގަމުން ގެންދާ ލާމް ފާމާސް ކޯޕްރޭޓިވް ނަމަކައްކިޔާ ޖަމްޢިއްޔާއެއްގެ ބެލުމުގެ ދަށުންނެވެ. އޭރުވެސް މިހާލެވެ. މިހާރު ކުނީގެ ކަނަތައް ބަލަހައްޓަމުން ގެންދަނީ ފޮނަދޫ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިހާރުވެސް ހަމަ އެހާލެވެ. އެކަމަކު އޭރު ކުދި ގޮޑު ކަންތައް ބަލަހައްޓަމުން ގެންދިޔަ ފަރާތުން އެ ޒިންމާ އެކަށީގެންވާ ގޮތަށް ނުނެގޭތީ ރަށު ކައުންސިލުން މިކަމުގެ ތެރެއަށް ވަނީ ރައްކާތެރިކަމާއެކު ކުނި ނައްތާލާނެކަމަށް ބުނެފައެވެ. ފަނާވާ ޒާތުގެ ކުންޏާ ފަނާނުވާ ޒާތުގެ ކުނި ވަކިކޮށް އެހެން ކުނިތައްވެސް ރައްކާތެރިކަމާއެކު ނައްތާލުމަށް ރާވާފައިވާގޮތާ އެކަން ކުރިއަށް ގެންދާނެގޮތްވެސް ނިކަން ރީތިކޮށް ރައްޔިތުންގެ ކަންފަތަށް ވައްދުވައި ދިނެވެ. ރައްޔިތުން ގަބޫލުވެސް ކުރިމެއެވެ.

އޭގެ ފަހުން މިހާރު އެތައް ދުވަހެއް ފާއިތުވެ ދިޔައިރު ވެސް އެކަމެއް އަދިވެސް ނުފެށެވެ. ފަނާވާ ޒާތުގެ ކުނިތައް އުކާލުމުގެ ބަދަލުގައި އަންދަނީއެވެ. އެކަމަކު އަންދަނީވެސް ނަމެއްގައެވެ. މިކަމުގެ ޝަކުވާވެސް ނުކުރާ މީހަކު މި ފޮނަދޫގައި ނޫޅޭނެއެވެ.

ރައްޔިތުންގެ މިހާ ކަންބޮޑުވުން ހުރި ކަމެއްގައި ރަށު ކައުންސިލަށް ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެގެން ކަން ބަލައިލަން ޖެހެއެވެ. ކައުންސިލުން ރައްޔިތުންނަށް ސާފުކޮށްދޭންވެސް ޖެހެއެވެ.

މި ދޭތެރެއިން ވަރަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހިފައި ވުމާއި އެކު، ތެތްފިނީގާ ހަންޑިކުޑަ ފަޅައިގެން ފެތުރިގަންނަހެން ބަލި ޖައްސާ ޖަރާސީމުތައް ރަށު ތެރެއަށް ފެތުރިގެން ދިއުމަކީ ވަރަށް އެކަށީގެން ވާ ކަމެކެވެ. މާޒީ އަށް ބަލާއިރު އެފަދަ ހާދިސާ ތަކުރާރު ވެފައި އެބަހުއްޓެވެ.

ދުވަސްއަށް މައުލޫމާތު ދިން ފޮނަދޫ ރައްޔިތަކު ބުނީ މީގެ އަހަރުތަކެއް ކުރިން ބިއްލޫރި މުގުރާ މެޝިނާ ދަޅު ފިއްތާ މެޝިން ފަދަ ތަކެތި ޔޫއެންޑީޕީން ރަށު ކައުންސިލާއި ހަވާލުކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް އެތަކެތީގެ ބޭނުން ހިފާތަނެއް ނުފެންނަކަމަށެވެ.

“ ދަޅު ފިއްތާ މެޝިނާއި ބިއްލޫރި މުގުރާ މެޝިނުންވެސް ރަށު ކައުންސިލްގައި ހުރިކަމަށް އުލޫމާތު ލިބިފަ ވަނީ. ނަމަވެސް އެތަކެތީގެ ބޭނުމެއް ނުކުރެވޭ.. ” ނަންހާމަ ނުކުރުމަށް އެދެމުން ފޮނަދޫ ރައްޔިތަކު ކިޔައިދިނެވެ.

އެނގޭ ކަމަކީ މިހާ ދުވަސް ވީއިރު ފޮނަދޫ ކުނި ނައްތާލުމުގެ ނިޒާމް ހަމައަކަށް އެޅެން ޖެހޭ ކަމެވެ. ރަށު ކައުންސިލުން މިކަމާ މަސައްކަތް ކުރަންވާ ވަރަށް މަސައްކަތް ނުކުރެވެނީއޭ ބުނާ ހިތް ނުވިޔަސް ތެެދަކީ އެއީއެވެ.

ކުނީގެ މައްސަލަ ރަށު ކައުންސިލްގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގައި ދަންނަވައިގެން ހައްލެއް އަދި ލިބިފައިނުވާކަން ކައުންސިލަރުގެ ވާހަކަތަކުން އެނގެއެވެ. ދެން ކަން ކުރަންޖެހޭ ގޮތަކީ އެތަންތަނަށް ގޮސް މިކަމާ މެދު ވާހަކަ ދައްކައިގެން މަގެއް ހޯދުމެވެ. އެކަމަކު އެކަންވެސް އަންނަނީ ކުރަމުންކަމަށް ބުނެއެވެ. ނަތީޖާއެއް ނުފެނުނެވެ. އެހެންވީމާ ދެން އޮތް ގޮތަކީ އެއަށްވުރެވެސް މަތީ ފަރާތްތަކުގެ އޮފީސްތަކުގެ ދޮރުގައި ޓަކި ޖެހުމެވެ. ޓަކި ޖެހެން އޮތް ގޮތަކަށް އެބޭފުޅުންނަށް އަޑު އިވޭވަރަށް ޓަކި ޖެހުމެވެ.

ފުރުސަތު ފަހިވެގެން އެބަ އާދެއެވެ. އެއީ ޔަގީން ކަމެކެވެ. ރައްޔިތުންނަށް ފަސް އަހަރުން އެއް ފަހަރު އަންނަ “ގުރުސް ފެންމަތިވާ ވަގުތު”  އެބައާދެއެވެ. އެބޭފުޅުން ވަޑައިގެން އަޅުގަނޑުމެންގެ ދޮރުގައި ޓަކި ޖައްސަވާނެއެވެ. މިއަދު ނޫނީ މާދަމާ ކަމަށްވެސް ވެދާނެއެވެ. އެވަގުތަކީ ބޭނުން ކޮންމެ ކަމެއް ފުދޭނެ ވަގުތެކޭ ބުނާތީ އިވެއެވެ. އަޅެ މިފަހަރު ރަށު ކައުންސިލުން މި ވަގުތާ ދިމާކޮށް ސީރިއަސް ކަމާއެކު މި އިޝޫ ނަންގަވައިގެން މިކަމުގެ ހައްލެއް ލިބޭތޯ ބައްލަވަމާ ހިންގަވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް