ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ އެވެ. އެކަމަކު މި ދައުރުގައި މުހިންމު ބިލުތަކަކާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސް ކުރުމަށް މިއަދުގެ ނިޔަލަށް ޖަލްސާތައް ކުރިޔަށް ގެންދަން ނިންމީ އެވެ.
މިއަދު ޖަލްސާ ނިންމާލައްވަމުން ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ނިމިދިޔަ ދައުރުގެ ކުރު ހުލާސާއެއް އިއްވާފައެވެ. އެގޮތުން މި ދައުރުގައި ޖަލްސާގެ ވަގުތުގައި މެންބަރުން ޖުމްލަ 89 ގަޑިއިރު، ކޮމިޓީ ގައި 330 ގަޑިއިރު މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.
މި ދައުރުގައި މަޖިލީހުން 15 ބިލެއް ފާސްކޮށްފައިވެ އެވެ. އަދި ރިޔާސަތުން ހުށަހެޅި އަށް މައްސަލައަކާއި ސަރުކާރުން ހުށަހެޅި އަށް މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ގޮތުގައި 14 މައްސަލައެއް މަޖިލީހުން ނިންމާފައިވާކަމަށާއި، މި ދައުރުގައި ސަރުކާރުގެ އެކި ވަޒީރުންނާ ޖުމްލަ 17 ސުވާލެއް ކުރެވިފައިވެ އެވެ.
މި ދައުރުގައި ބަޖެޓުގެ އިތުރުން ފާސް ކުރި މުހިންމު ބިލުތަކުގެ ތެރޭގައި ތައުލީމުގެ ބިލް، އިންތިގާލީ އިންސާފުގެ ބިލް،، ފުލުހުންގެ ގާނޫނުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިމެނެ އެވެ. އަދި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކީ މުހިންމު ބިލްތަކެކެވެ.
މިދައުރުގައި ވަނީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި އެވެ. އެކަމަކު އެ ވޯޓުން އޭނާ ސަލާމަތްވެފައިވާއިރު މަޖިލީހުން ފާސްކޮށްފައިވަނީ އިމްރާންގެ މައްޗަށް އިތުބާރު އޮތް ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ޔުއޭއީގެ އގްޒެކިއުޓާސް ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގަ ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު މަޖިލީހަށް ދޮގު ހައްދަވައި އޮޅުވާލެއްވި ކަމަށް ނިންމީވެސް މި ދައުރުގައި އެވެ. އަދި މަޖިލީހުން ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ފާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް