ހިދުމަތް އިސްލާހު ކުރުމަށް ގެނެވޭ އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ބޯޑަށް ވާނެ: ސީޕީ

އިއްޔެ ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށް ވުމުން އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑާއި އެކު ފުލުހުންގެ މުއައްސަސާއަށް ހަރުދަނާ ބަދަލުތަކެއް އަންނާނެ ކަމަށް ކޮމިޝަނާއ އޮފް ޕޮލިސް މުހައްމަދު ހ...

07 Dec 2020 | 14:02

އިއްޔެ ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށް ވުމުން އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑާއި އެކު ފުލުހުންގެ މުއައްސަސާއަށް ހަރުދަނާ ބަދަލުތަކެއް އަންނާނެ ކަމަށް ކޮމިޝަނާއ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލް ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމުގެ ގޮތުުން ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ބޯޑު އެކުލަވާލާ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައި އޮތުން ކަމަށެވެ. ސީޕީ ވިދާޅުވީ މި ބަދަލަކީ ފުލުހުން އެގްޒެކެޓިވް މެނޭޖްމަންޓުގެ ބޭފުޅުން ބޭނުންވެފައި ތިބި، އަދި އެކަމަށް އެދެމުން އައި ބަދަލެއް ކަމަށެވެ.

https://twitter.com/M_Hameedh/status/1335857910488788993

ސީޕީ ހަމީދު ވިދާޅުވީ ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތުގެ ފެންވަރު ގާތުން ވަޒަންކޮށް، ޖަވާބުދާރީ ކުރުވައި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އަމަލަކުރެވޭތޯ އެ ބޯޑުން ބެލުމަކީ ކުރިއެރުމަމަށް ވާނެ ކަމަށެވެ. އަދި މިފަދަ ބަދަލަކަށް މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ބޯޑު އެކުލަވާލަން ޖެހެނީ އާއްމު ހަތް މެމްބަރުންގެ މައްޗަށެވެ. ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ. ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތަކީ ވެސް އެ ބޯޑެވެ.

އާ ބިލުގައި ވަނީ ހޯމް މިނިސްޓަރަށް އިތުރު ބާރުތަކެއް ދީފަ އެވެ. އެއީ، ފުލުހުންގެ ކަންކަމުގައި ސިޔާސީ ގޮތުން ޒިންމާވާ އެންމެ އިސް ފަރާތަކަށް ވާތީ އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް