ޖަރނީ އިން ތައްޔާރުކޮށްފައިވާ "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" ފޮތް މެޑަމް ފަޒުނާ ނެރެދެއްވައިފި

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ "ޖަރނީ"އިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ނަމުގައި ޝާއިޢުކ...

07 Dec 2020 | 13:23

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ "ޖަރނީ"އިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ނަމުގައި ޝާއިޢުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ.

އެ ކަމަނާ މި ފޮތް ނެރެދެއްވީ، މި ކަމަށްޓަކައި މުލީއާގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ފޮތް ބިނާކޮށްފައި ވަނީ ޕާޓްނަރޝިޕް ފޮރ ޑްރަގް ފްރީ ކިޑްސްގެ "އިންޓަރވެންޝަން އީބުކް" އަދި ނޭޝަނަލް އިންސްޓިޓުޓް އޮފް ޑްރަގް އެބިއުސް ގެ ސައިންސް އޮފް އެޑިކްޝަން އަދި ސަބްސްޓަންސް އެބިއުސް އެންޑް މެންޓަލް ހެލްތު ސަރވިސަސް އެޑްމިނިސްޓްރޭޝަން އިން ޝާއިޢުކޮށްފައިވާ އެކި މަޢުލޫމާތުތަކުގެ މައްޗަށެވެ.

މި ފޮތް ބައްޓަންކޮށްފައި ވަނީ، އެ މަޢުލޫމާތުތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ރާއްޖޭގެ މާހައުލާއި އާދަކާދަތަކާ ގުޅޭގޮތަށް، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެކުލަވައިލައިގެންނެވެ.

"ޖަރނީ"އަކީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށްދީ، އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާހޯދުމާއި، މުޖުތަމަޢާ އެނބުރި ގުޅުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް