ދިވެހިންނަށް ފުރުޞަތު ފަހިކުރުމަށް އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ބަދަލުގެނެސްފި

ދިވެހިންނަށް ފުރުޞަތު ފަހިކުރުމަށް އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ބަދަލުގެނެސްފި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (ޤާނޫނު ނަންބަރު 2007/1) ގެ 17 ވަނަ ...

07 Dec 2020 | 10:34

ދިވެހިންނަށް ފުރުޞަތު ފަހިކުރުމަށް އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ބަދަލުގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (ޤާނޫނު ނަންބަރު 2007/1) ގެ 17 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓަރންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ އުޞޫލަށް ބަދަލުތަކެއް ގެނެވި، އެކަން އަންގާ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ސަރކިއުލަރ (ލިންކް) އެއް ފޮނުވާފައި ކަމަށެވެ.

މިގޮތުން، ގެނެވުނު ބަދަލުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އިންޓަރނުންގެ ގޮތުގައި ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދިނުމުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ފުރުޞަތުދޭ ކޮންމެ ބިދޭސީ އިންޓަރންއަކަށް ދެ (2) ދިވެހި ދަރިވަރުން ތަމްރީނުކޮށް، އަދި ބިދޭސީ އިންޓަރންއަށް ފުރުޞަތު ދިން މުއްދަތަށްވުރެ ކުރުނޫން ނުވަތަ އެ ކުއްޖަކު ކިޔަވާތަނަކުން ބުނެފައިވާ  މުއްދަތަށް އިންޓަންޝިޕްގެ ފުރުޞަތުދޭން ޖެހޭގޮތަށް މި އުޞޫލަށް ވަނީ ބަދަލުގެނެވިފައެވެ.

މިކަން ކަށަވަރުކުރުމުގެ ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓަރ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާއިރު ދެ (2) ދިވެހި ދަރިވަރުންގެ އިންޓަރންޝިޕާއިގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމުކޮށްފައިވެއެވެ.

މި އުޞޫލަކީ ދުނިޔޭގެ އެކިއެކި ކިޔަވާދޭ މަރުކަޒުތަކުން އެފަރާތްތަކުގެ ދަރިވަރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ  (ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، މެރީނާ، ޑައިވް ސްކޫލް، ޓޫރިސްޓް ވެސެލްސް، ޓްރެވަލް އޭޖެންސީ އަދި ޓޫރިސްޓް ގެސްޓް ހައުސް) ތަންތަނުގައި އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކުރުމަށާއި އަދި ރިސާރޗް ސްޓަޑީ ހެދުމަށް ބިދޭސީ ދަރުވަރުން އިންޓަރނުންގެ ގޮތުގައި ފޮނުވުމަށް އެދޭތީ، ސަރުކާރުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ ސްޕެޝަލް ވިސާ ދޫކުރުމުގެ އުޞޫލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް