“ރާސްތާ” ނަމަކަށް ކިޔާ މަސް ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ އެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ދޯނި އޮތީ ގދ. ތިނަދޫ ފަޅު ތެރޭގައި އެވެ.
މިއަދު މަރުވެފައިވަނީ އެ ހާދިސާގައި ފިހުނު 34 އަހަރުގެ މީހެކެވެ. އެމީހާ މަރުވީ މާލެ ގެނެސް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިހާދިސާގައި އެންމެ ބޮޑަށް ފިހުރީ ފުރަތަމަ މަރުވި މީހާ އާއި މިއަދު މަރުވި މީހާ އެވެ. އެ ދެމީހުންގެ ހަށިގަނޑުގެ 50 ޕަސެންޓު ފިހިފައިވެ އެވެ.
މި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ފުރަތަމަ މަރުވެފައިވަނީ އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 41 އަހަރުގެ މީހެކެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގައި ހުރި ގޭސްފުޅިން ގޭސް ލީކުވެފައި ހުއްޓަ އުނދުން ރޯކުރުމުންނެވެ. މި ހާދިސާގައި އެ ދޯނީގައި މަސައްކަތް ކުރާ ހަތަރު ދިވެއްސަކު ފިހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް