ބިކިނީ ލައިގެން މާފުށީ މަގުމަތީގައި އުޅެނިކޮށް ފަތުރުވެރިޔާ ހައްޔަރު ކުރީ ރަނގަޅަށްް!

ކ. މާފުށި މަގުމަތީގައި ބިކިނީ ލައިގެން މަސްތުގެ ހާލަތުގައި އުޅެނިކޮށް ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބ...

07 Dec 2020 | 08:18

ކ. މާފުށި މަގުމަތީގައި ބިކިނީ ލައިގެން މަސްތުގެ ހާލަތުގައި އުޅެނިކޮށް ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ. މި މައްސަލަ މަޖިލީހުން ބެލި އިރު އާންމުންނާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ގޯސް ނޫން ކަމަށް ބުނެފައި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން މި މައްސަލަ ބެލުމަށް10 ވަރަކަށް މަސް ހޭދަ ކުރުމަށް ފަހު ނިންމާފައިވަނީ މިކަން ހިނގައިދިޔައިރު ފަތުރުވެރިޔާ ލައިގެން ހުރީ ހެދުމަކީ ރާއްޖޭގެ ޓޫރިސްޓު ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދާ ހިލާފުވާ ހެދުމެއް ކަމަށާއި އެ ފަތުރުވެރިޔާ ހުރި މާފުށީގެ އަތިރިމަތީގައިވެސް އެފަދަ ހެދުން ލައިގެން އުޅުން މަނާކަން އަންގައިދޭ ނިޝާން ހަރުކޮށްފައިވާ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުންގެ ޕްރެފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ވަނީ ތަހުގީގުކޮށްފަ އެވެ. އަދި ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދިއުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނީގެ އިމުގެ ތެރެއިން ކަމަށް ވެސް ވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި އިތުރު ފިޔަވަޅެއް އެޅެން ނުވަތަ އެންގުމެއް އަންގަންޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ކަނޑައެޅުމަށްފަހު ކޮމެޓީ ރިޕޯޓު މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

އެ މައްސަލައިގަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިނގިރޭސިވިލާތުން ސަފާރީއަކަށް އައިސް އުޅުނު ފަތުރުވެރިއެކެވެ. އެ މައްސަލައިގަ އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ރާއްޖެ އަންނަ އެ ގައުމުގެ ފަތުރުވެރިން ރާއްޖޭގެ ގަވައިދުތަކާއި އެއްގޮތަށް ހެދުން އެޅުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް