އަމީން އޮޅުވާލި ކަމަށް ފާސްކޮށް ދައުވާ ކުރަން ފޮނުވަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވިކަމަށް ކަމަށް ފާސްކޮށް އޭނާ އާއި ދެކޮޅަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަޖިލީހުން ...

07 Dec 2020 | 05:49

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވިކަމަށް ކަމަށް ފާސްކޮށް އޭނާ އާއި ދެކޮޅަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ.

އަމީން ދޮގު މައުލޫމާތު ދެއްވައި އޮޅުވާލެއްވި ކަމަށް ނިންމީ ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ގުޅޭގޮތުން މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގައި އެ މައްސަލައިގައި އަމީން ދެއްކެވި ވާހަކަތަކާއި އެކަމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓާ ތަފާތުވާތީ މަޖިލީހަށް އޮޅުވާލުން ކަމަށް މަޖިލީހުން އެ މައްސަލައިގަ ބުނެފައިވެ އެވެ.

އިއްޔެ ހަވީރުން ފެށިގެން ރޭ ވަރަށް ދަން ވަންދެން ބޭއްވި މަޖިލީހުގެ ޖަލްސާގައި އަމީނަށް ދައުވާ ކުރަން ފޮނުވަން ފާކުރީ57 މެމްބަރުންގެ ވޯޓުންނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ދިން މައުލޫމާތުތަކުގައި އޮޅުވާލުމެއް ނޯންނާނެ ކަމަށް އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ޖަލްސާގައި އިމްތިޔާޒް އަދި ސުލޫކް ކޮމިޓީގެ ރިޕޯޓް ފާސްކުރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުއްވަވާނެ ކަމަށެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގެވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ. އެކަމަކު އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުން ޕީޖީ ނިންމެވީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް