2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ އެވެ.
މިދިޔަ އަހަރު މޮރިޝަސް ގައި ބޭއްވި އައިއޯއައިޖީ ގައި ދެން އެ މުބާރާތް ބާއްވާނެ ގައުމު ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އެ ބިޑް ކާމިޔާބުކުރީ މަޑަގަސްކަރައާއި ވާދަކޮށްގެން ބޮޑު ތަފާތަކުންނެވެ. ރާއްޖެއިން މި މުބާރާތް ބޭއްވުމަށް އެ ޖަމާއަތުގައި ހިމެނޭ ގިނަ ގައުމުތަަކަށް ވާދަކޮށް ކެމްޕެއިންކޮށްފައިވެ އެވެ.
ޔޫތް މިނިްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ގެއްލުނީ 2023 ވަނަ އަހަރު އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެވެން ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން އެދުނީ 2025 ވަނަ އަހަރަށް މުބާރާތް ފަސް ކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގައި މުބާރާތް ބޭއްވެން ނެތިގެން އެކަން އަންގަން ޖެހުނީ ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް ހުރުމުންނެވެ.
ރާއްޖެއިން އެދުނު ގޮތަށް މުބާރާތް ފަސްކޮށްދިނުމަށް އެއްބަސްވުމަކަށް ނާދެވުނީ ދެވަނައަށް ރާއްޖެ އާއި ވާދަ ކުރި މަޑަގަސްކަރައިން 2023 ވަނަ އަހަރު އެ ގައުމުގައި މުބާރާތް ބޭއްވިދާނެ ކަމަށް ބުނެ ރޭ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުން ބޭއްވި ބައްދަލުވުމުގައި ހިފާލުމުންނެވެ. އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ 2027 ވަނަ އަހަރު އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށްވެސް ހުށަހަޅާފައި އެވެ.
އެކަމާއި މެދު ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް