ދިވެހި ތާރީޚުގައިވެސް ދެކެފައި ނުވާފަދަ ބޮޑެތި ތަރައްޤީގެ މަޝްޜޫޢުތަކެއްގެ ތެރެއިން ލ.ގަމުގެ ތަރައްގީ މެކުހައްޖަހާފައިވާއިރު، ގަމާއި އެއް ފަސްގަނޑެއްގައި ގުޅި ލާމެހިފައި އޮތް ލ.ފޮނަދޫއަށް މިފަދަ ތަރައްގީއެއް ނާންނަނީ ކީއްވެބާއޭ މިއީ ފޮނަދޫގެ ރައްޔިތުންގެ ހިތުގައި މިއަދު އުފެދިފައިވާ ބޮޑު ސުވާލެކެވެ.
ރައީސް ޔާމީންގެ ފަސް އަހަރު ނިމިގެން ދިޔައިރު، ލ.ގަމަށް މާ ބޮޑުތަރައްގީއެއް ގެނެވިފައި ނުވިނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ)ގެ ވެރިކަން ފެށިގެން ވޭތުވެ ދިޔަ ދެ އަހަރުތެރޭގައި ލ. ގަމަށް ވަނީ ހީވެސް ނުކުރާފަދަ ބޮޑު ތަރައްޤީއެއް އައިސްފައެވެ. އެގޮތުން ބަލާއިރު، ގަމުގެ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދީ ބޮޑު ހޮސްޕިޓަލްގެ ގޮތުގައި ތަރައްގީކޮށް އެތަނުން ކުރިން ލިބެން ނެތް އެތަކެއް ސިއްޚީ ޚިދުމަތްތަކެއް މިހާރު ލިބެންހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.
ނުވިތާކަށް ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ވެސް ގަމުގައި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ޓާފް އެޅި ޒޯން ފުޓްބޯޅަ ސްޓޭޑިއަމެއް އަޅާ އެ ކަމުގެ މަސައްކަތްވެސް ނިމި އެ ސްޓޭޑިއަމް މިހާރު ވަނީ ހުޅުވާފައެވެ. ހުޅުވައިދެއްވީވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
މީގެ އިތުރުން ގަމުގެ ކޮންމެ އަވަށަކަށް ޓާފް ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ކުރިޔައް ދާއިރު، މިފަދަ ބޮޑެތި ތަރައްގީގެ މަޝްރޫޢުތަކެއް އެފަސްވެފައިވާ ފޮނަދޫގައި ނުހިނގަނީ ކީއްވެ ބާވައޭ ސުވާލު އުފެދެއެވެ.
ގަމުގެ ރައްޔިތުން ބުނާގޮތުންނަމަ ގަމަށް މިއަންނަ ބޮޑެތި ތަރައްގީގެ އަސްލަކީ ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވިސާމް (ސަމްޕަތު) އެވެ. ސަމްޕަތުގެ ގެ މިންނެތް ބުރަ މަސައްކަތެވެ. ސަމްޕަތުގެ މަސައްކަތުން ގަމުގެ އެތަކެއް ބިޔަ ތަރައްގީގެ މަޝްރޫޢުތަކެއް ކުރިޔައް ގޮސް ނިމިގެން ދާއިރު، ފޮނަދޫ ދާއިރާގެ މަޖިލިސް މެބްބަރެއް ވެސް އެބަ ހުއްޓެވެ. ނަމަވެސް ފޮނަދޫ އަށް ތަރައްގީ ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ފޮނަދޫ ގިނަ ރައްޔަތުން ތުހުމަތު ކުރެއެވެ. އުފެދޭ ސުވާލަކީ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު ފޮނަދުއާއި ފޮނަދޫ ދާއިރާގެ ރަށްރަށަށް މިފަދަ ތަރައްގީގެ މަޝްރޫޢުތަކެއް ގެންނަން މަސައްކަތް ނުކުރަނީ ބާވައެވެ. ނުވަތަ ސަރުކާރުން އެކަން ކޮށްދޭން ބޭނުން ނުވަނީ ބާވައެވެ. މިއީ ފޮނަދޫ ރައްޔިތުންނަށް ނޭނގޭ ހަގީގަތެކެވެ.
ފަހަކަށް އައިސް ފޮނަދޫގެ ޒުވާނުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ފޮނަދޫގައި އޮތް ހަމަ އެކަނި ޓާފް ފުޓްސަލް ދަނޑު ހަލާކުވަމުން ދިއުމެވެ. ފޮނަދޫގައިވެސް ތިން އަވަށް އޮންނައިރު، ތިން އަވަށަށްވެސް އޮތީ އެއްމެ ޓާފް ދަނޑެކެވެ. އެ ދަނޑުގެ ހާލަތަވެސް މިހާރު ގޯހުން ގޯހަށް ގޮސް ދަނޑު ބޭނުން ނުކުރެވޭ ވަރަށް ދަނީ ހަލާކުވަމުންނެވެ. ފޮނަދޫ ޒުވާނުން ކުޅެލަން ރަނގަޅު ފުޓްސަލް ދަނޑެއް ނެތުމަކީ އެ ޒުވާނުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.
ކަން މިހެން ހުރިއިރު، ފޮނަދޫ ދާއިރާގެ މެމްބަރުގެ އިތުރުން ރަށު ކައުންސިލުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ރަށަށް ތަރައްގީ ގެނައުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިހާރު އޮތް ސަރުކާރަށް ދެއަހަރު ވެގެން ދިޔައިރު، ފޮނަދޫއަށް އެއްވެސް ތަރައްގީއެއް އައިސްފައި ނުވާކަން ފޮނަދޫ ރައްޔިތުން ބުނަމުންގެންދެއެވެ. އަދި ތަރައްގީއެއް ގެނައުމަށް މަސައްކަތް ކުރާތަނެއްވެސް ފެންނަމުން ނުދާކަމަށް އެފަރާތްތަކުން ބުނެއެވެ.
ގަމެކޭ އެއް ގޮތައް ފޮނަދޫގައިވެސް ތަރައްގީގެ ބިޔަ މަޝްރޫޢުތައް ކުރިޔައް ދިއުމަކީ ފޮނަދޫގެ ރައްޔިތުންވެސް ނުހަނު ބޮޑަށް ބޭނުންވާ ކަމެކެވެ.
އެޑިޓަރުގެ ނޯޓް: މިއީ ކިޔުންތެރިއަކު މި ނޫހަށް ފޮނުވާފައިވާ އޮޕް-އެޑް ލިޔުމެކެވެ. އޮޕް-އެޑް ލިޔުންތައް މި ނޫހަށް ފޮނުވަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް