މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި ދުވަސް ރާއްޖޭގައި މިއަދުފާހަގަ ކުރާ އިރު، ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް މިފަދަ ޢަމަލުތައް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށް ކުރާ މީހުންނަށް އަދަބު ދިނުމުގައި ރާއްޖޭގެ މުވައްސަސާތަކުން މިހާތަނަށް ކޮށްފައިވާ ކަންތައްތަކާއިމެދު ގިނަ ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މިފަހަކަށް އައިސް ރާއްޖޭގެ މިސްކިތްތަކަށް ކުޑަކަމުދާ މީހަކު ތަކުރާރުކޮށް އެ އަންނަނީ އެކަން ކުރަމުން ނެވެ. މިސްކިތްތަކުގެ އިތުރުން ރައީސް އޮފީސް ދޮރުމައްޗަށް ވެސްް ކުޑަކަމުދަނީ އެވެ. ނަމަވެސް އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެމީހަކީ އެފަދަ މައްސަލައެއް ހުރި މީހެއް ނަމަ، ކުޑަކަމުދާން އަދި ކުޅުޖަހަން ވެސް ފެންނަނީ މިސްކިތްތައް އެކަނި ހެއްޔެވެ؟ ނޫން ނަމަ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ލައްވާ ކުރުވާ ކަމެއް ހެއްޔެވެ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ކަނޑައެޅި ސައްހަ ލިޔުމަކީ މިހައިތަނަށް ޢާންމުވި ހެއްޔެވެ.
މިހުރީ ހައްތާވެސް ސުވާލެވެ. ރާއްޖެފަފަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އިސްލާމް ދީނާއި ޚިލާފު މިފަދަ ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާ އިރު ވެސް، ސަރުކާރުގެ މުއައްސަސާތައް "ހަނު ތިބުމުގެ" ސިއްރަކީ ކޮބައި ހެއްޔެވެ؟
އިސްލާމީ މަރުކަޒުގައި އިމާމުގެ ކުރިމައްޗަށާއި ހުކުރު މިސްކިތަށް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ފުލުހުންގެ ބަންދުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން އޭރު ބުނެފައިވަނީ އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.
މި މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވާ އިރު، އެ ނުކުޅެދުންތެރިކަމާއެކު އޭނާ މިއަދުވެސް މިވަނީ މިސްކިތަށް ވަދެ ހަތިމަކަށް ކުޅުޖަހާފަ އެވެ.
އެ މައްސަލައިގާ ފުލުހުން މިއަދުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފަ އެވެ. މި މައްސަލަ ފުލުހުން ތަހުގީގްކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން ކޮޅުންލައިފި އެވެ. މާދަމާ ވެސް އޭނާ ދޫވެފައި ހުންނާނެތީ އެވެ.
ބަހާއި ޢަމަލުން އިސްލާމް ދީނަށް ފުރައްސާރަކުރަމުން އަންނަ އިރު، އަދަބު ދިނުމުގައި ފަސްޖެހޭތީ އެވެ. އޭނާ ތަކުރާރުކޮށް އެފަދަ ކަންކަން ކުރަމުން އައިނަމަވެސް އޭނާ ދޫވެފައި ހުންނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން ނެވެ.
މިފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭނެ އަދަބެއް ނެތް ނަމަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބޭތިއްބުމަށް ޚާއްސަކޮށްފައި ހުންނަ މަރުކަޒަށް ފޮނުވައި ނުވަތަ އެހެންވެސް ގޮތަކުން އޭނާ ރައްޔިތުންގެ ތެރެއަށް ނުކުމެ، އިސްލާމް ދީނާ ޚިލާފު ޢަމަލުތައް ހިންގުން ހުއްޓުވައިދެއްވާށެވެ.
މިއީ ދިވެހި އެންމެހައި ރައްޔިތުންގެ އާދޭހެވެ. މި އާދޭސްތަކަށް އިޖާބައެއް ނުލިބޭ ނަމަ، ރައްޔިތުންގެ އިހްސާސްތައް ކޮޅުންލައިގެން ދިއުން ގާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް