މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި މާދަމާ އިއުލާނު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެންމެ ކުޑަ އުޖޫރަ އިއުލާނު ކުރުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ހޮޓެލް ޖެންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި އެންމެ ކުޑަ އުޖޫރަތައް އިއުލާނު ކޮށްދެއްވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އިއުލާނު ކުރަން ނިންމާފައިވަނީ މިނިވަން ވޭޖް އެޑްވައިޒަރީ ބޯޑުން ދިން ލަފާ އާއި ކުޑަކޮށް ތަފާތު އަދަދެކެވެ.
މިނިވަން ވޭޖް ބޯޑުން ލަފާދީފައިވަނީ ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،700 ރުފިޔާ އެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި 8،000 ރުފިޔާ އަދި ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 7،000 ރުފިޔާ ކަނޑައެޅުމަށެވެ.
ބޯޑުން ކަނޑައަޅާފައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުން މަދުވެގެން ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. އަދި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ކުޑަ އުޖޫރަ މާދަމާ އިއުލާނު ކުރަން ނިންމާފައިވަނީ ބޯޑުން ލަފާ ގާނޫނުގައި ބަޔާން ކުރާގޮތުގެ މަތިން ދިރާސާ ކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް