ރާއްޖެ އިސްލާމްވުމާއި ގުޅޭގޮތުން ހިނގާފައިވާ ހާދިސާ!

މާތް ﷲ ގެ ރަހުމަތް ފުޅުން މިއަދު އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ ރާއްޖެ އިސްލާމްވުމާއި ގުޅޭގޮތުން ހިނގާފައިވާ ހާދިސާ މައްޗަށެވެ. ތާރި...

07 Nov 2021 | 12:37

މާތް ﷲ ގެ ރަހުމަތް ފުޅުން މިއަދު އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ ރާއްޖެ އިސްލާމްވުމާއި ގުޅޭގޮތުން ހިނގާފައިވާ ހާދިސާ މައްޗަށެވެ.

ތާރިޚީ އިލްމުވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖޭގައި މީހުން ވަަޒަންވެރިވީއްސުރެ އަބަދުވެސް ދިވެހިން އަޅުކަން ކުރަމުން އައި ކޮންމެވެސް ދީނެއްއޮވެއެވެ. އެގޮތުން ބުދު ދީނާއި ހިންދޫ ދީނަށް އަޅުކަން ކުރި ބަޔަކުވެސް ރާއްޖޭގައި ދިރިއުޅުނެވެ. އަދި އަޅުކަން ކުރުމަށްޓަކާ ފައްޅި ތަކާއި ބުދުތައް ހަދައިގެން މާއްދީ ތަކެއްޗަށް އަޅުކަން ކުރެވެމުން ދިޔައެވެ.

އެޒަމާނަކީ ރާއްޖޭގައި ވިރާސީ ރަސްކަން ކުރެވެމުން އައި ޒަމާނެވެ. ޒިޔާރަތަށް ނަދުރު ބުނުމާ މިފަދަ އެތައް ހުރާފާތް ތަކެއް ދިވެހިންގެ ތެރޭގައި އޮތް ޒަމާނެކެވެ.

އެ ދުވަސްވަރަކީ ރަސްކަމުގެ ކޮއިލުގެތެރޭގައި ތިބި ބަޔަކު (ފާދިރީން) އިސްވެ މީހުންގެ އަންހެން ދަރިން ފައްޅިތަކަށް ގެންގޮސް އެމީހުންގެ އިއްފަތްތެރިކަން ފޭރެމުން ދިޔަ ޒަމާނެކެވެ.

މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އެމީހުން ބުނާގޮތުންނަމަ ކޮންމެ މަހަކު ހަނދުބޮޑުވާ ދުވަސްވަރު ރާއްޖެއަށް ކަނޑުން އަރާފުރޭތައިގެ ސަބަބުން ދިވެހިން ސަލާމަތް ވާނެ ގޮތަކަށް އޮތީ އެންމެ ގޮތެކެވެ.

އެއީ ޅަދޮޅު ބިކުރުވެރި ޢިއްފަތްތެރި އަންހެން ކުއްޖަކު އެ ފުރޭތަ އާއި ހަވާލު ކޮށްގެނެވެ. މިހެން ކަމުން ކޮންމެ މަހަކު ހަނދު ބޮޑުވާރޭގައި ގުރުއަތުލައިގެން ހޮވާ ރީތި ބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައިގެން ފައްޅިއަށް ގެންދެވެމުން ދިޔައެވެ. ހެނދުނު މީސްތަކުން ގޮސް ބަލާލާ އިރު އަންހެން ކުއްޖާ އޮންނަނީ ބިކުރުވެރިކަން ކެނޑި މަރުވެފައެވެ.

މިވާގޮތަކީ މިކުއްޖާގެ ޢިއްފަތް ތެރިކަން ނަގާލުމަށްފަހު މީނާ ދާން ދޫކޮށްލައިފިނަމަ ފާދިރީންގެ އަގު ވެއްޓިދާނެތީވެ އެކުއްޖާ މަރާލަނީއެވެ. މިހެން މިކަން ހިނގަމުން އަންނަތާ އެތައް ޒަމާނެއްފަހުން ރާއްޖެ ވަޑައިގެންނެވި މަޢުރިބު ކަރައިގެ އިސްލާމް ދީނުގެ ހިދާޔަތު ލިބިވަޑައިގެން ހުންނެވި ޤުރުއާން ހިތުދަސް ބޭކަލަކަށް މިކަން އެނގިވަޑައިގަތެވެ.

އަދި ގުރުއަތުން ފައްޅިއަށް ގެންދަން ހަމަޖެހިފައިވާ ކުއްޖާގެ މައިންބަފައިންނާ ބައްދަލުކުރައްވާ މިރޭ ފައްޅިއަށް ދާނީ އަންހެން ކުއްޖާގެ ބަދަލުގައި ތިމަން އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ އޭ ދެންނެވިއެވެ.

އެކަލޭގެފާނު އެރޭ ފައްޅިއަށް ގޮސް  އިރުއަރަންދެން ކީރިތި ޤުރުއާން ކިޔަވަން އިންނެވިއެެވެ. ހެނދުނު މީސްތަކުން ޖަމާވިއިރު  އަބުލްބަރަކާތު އެއިންނެވި ގޮތަށް ކިޔަވަން އިންނެވިއެވެ. އެއަށްފަހު އަބުލްބަރަކާތު ރާއްޖޭގެ ރަދުންނަށް އިސްލާމްދީނަށް ގޮވާލެއްވުމުން ރަދުން އިސްލާމްވެވަޑައިގަތެވެ.

ރަދުން އިސްލާމްވެވަޑައި ގަތުމަށްފަހު ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމް ވުމަށް އަމުރުނެރެވުނެވެ. އެހިނދު ހުރިހާ ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތް މާތް ﷲ މިންވަރު ކުރެއްވިއެވެ.

ތާރީޚީ ލިޔުންތަކުން އެނގެން ހުރި ގޮތުގައި ރާއްޖެ އިސްލާމް ވެފައިވަނީ ހިޖުރީގޮތުން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އަދި މިއީ މީލާދީ ސަނަތުން 1153 ވަނަ އަހަރުގައެވެ.

އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސިރީ ތުރިބްވަނަ މަރާރަދުންނެވެ. ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު އިހްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު އަބްދުﷲ އެވެ. އަދި މި ރަސްކަލުން ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުން މަޝްހޫރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް