ނަފްރަތު އުފެއްދުމާއި ދީނަށް ފުރައްސާރަކުރުމުގެ ބިލް ކޮމިޓީ މަރުހަލާއިން އެއްކޮށްލައިފި އެވެ.
ނަފުރަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. ބިލާއި މެދު ދީނީ އިލްމުވެރިންނާއި އާންމުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މާބޮޑު ތަފްސީލެއް ނެތި ދީނީ އިލްމު ވެރިން ދައްްކާ ވާހަކަތައް ވެސްް ކުށަކަށް ހަދަން ބިލުން ޖާގަ ލިބޭތީ އެވެ.
މިހާރު ގެނެސްފައިވާ ބަދަލާއި އެކު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މަޖިލީހުގެ ޖޫޑީޝަރީ ކޮމިޓީން ބުނެފައިވެ އެވެ.
މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި ބުނެފައިވަނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމާއި އަދި ސުންނީ މުސްލިމުންގެ ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަކައަކާ ގުޅުވާފައި އެ މީހަކު ކާފަރު ކުރުމެވެ. އަދި ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު މުރުތައްދެއް ގޮތުގައި ސިފަކުރުމެވެ.
އިސްލާމްދީނަށް ތައުހީނުކުރުމުގެ ކުށް މިހާރު މާނަކޮށްފައި އޮތީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކަށް އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން މާތް ﷲ އާއި މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނާތާ މެދު ނުވަތަ އިސްލާމްދީނާ މެދު ދޮގު މައުލޫމާތެއް ފެތުރުން ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ގޮތުގައި އެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފަހުން އަނބުރާ ކޮމިޓީއަށް ފޮނުވައިލީ މިދިޔަ ޖުލައި މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް