ޕާކިސްތާނުގެ ދީނީ ހަރުކަށި ސިޔާސީ ޕާޓީ ކަމަށްވާ ތެހްރީކީ ލައްބައިކް ޕާކިސްތާން (ޓީއެލްޕީ) ބްލެކް ލިސްޓުން އުނިކޮށްފި އެވެ.
އެ ޕާޓީ އުފެއްދީ 2015 ވަނަ އަހަރު އެވެ. މިއަހަރުގެ އޭޕްރިލް މަހު ޓީއެލްޕީ ހަރަކާތްތައް ހުއްޓުވަން ބްލެކް ލިސްޓު ކުރަން ޖެހުނީ ޕާކިސްތާނުގައި ހުރި ފްރާންސްގެ އެމްބެސެޑަރު ގައުމުން ބޭރު ކުރުމަށް ގޮވާލާ ކުރި ވަރުގަދަ މުޒާހަރާތަކަކާއި ގުޅިގެންނެވެ.
ފްރާންސް ސަފީރު ބޭރު ކުރުމަށް ގޮވާލާ މުޒާހަރާ ކުރީ އިސްލާމް ދީނާއި ދެކޮޅަށް ފްރާންސްގައި ކާޓޫނެއް ކުރެހި މައްސަލައިގަ އެވެ. ޕާކިސްތާނުން ވަނީ ސަފީރު އަނބުރާ ފޮނުވާ ނުލެވޭނެ ކަމަށް ބުނެ އެ ޕާޓީ ސިޔާސީ ގޮތުން ހަރަކާތްތެރިވުން މަނާކޮށް ބްލެކް ލިސްޓުކޮށްފަ އެވެ.
އެފަހަރުގެ މުޒާހަރާތައް ހުއްޓާލުމަށް ފަހު އަނެއްކާވެސް މިދިޔަ މަހު ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށާފަ އެވެ. މިދިޔަ އޭޕްރިލް މަހުގެ މުޒާހަރާތަކާއި ގުޅިގެން ހައްޔަރު ކުރި އެ ޕާޓީގެ ލީޑަރު ސާދް ރިޒްވީ ދޫކޮށްލުމަށް ގޮވާލާ ފެށި މުޒާހަރާތަކުގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައ ސަލާމަތީ ބާރުތަކުގެ މީހުންވެސް ހިމެނެ އެވެ.
މުޒާހަރާތައް އިތުރަށް ވަރުގަދަވާން ފެށުމުން ސަރުކާރާއި އެ ޕާޓީގެ އިސް ފަރާތްތަކުން މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވުނީ އެމީހުން ބޭނުންވާ އެޕާޓީގެ އިސް ލީޑަރުންތަކެއް ޖަލުން މިނިވަން ކުރުމާއި އެކު ސިޔާސީ ގޮތުން ޕާޓީއަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭށެވެ. އެކަމަކު ދޫކޮށްލަން އެއްބަސްވި މީހުންނާއި އެއްބަސްވުމާއި ގުޅޭ އިތުރު ތަފްސީލް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
މުޒާހަރާތައް ހުއްޓުވުމަށް ކެބިނެޓާއި މަޝްވަރާ ކުރުމަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ޓީއެލްޕީ ބްލެކް ލިސްޓުން އުނިކުރަން އަންގަވާފަ އެވެ.
އެ ޕާޓީ އުފެދުނުތާ މަދު ދުވަސްކޮޅުގެ ތެރޭގައި ޓީއެލްޕީ ވަނީ ޕާކިސްތާނުގެ ފަސް ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެފަ އެވެ. އެ ޕާޓީއާ އަކީ އިސްލާމީ ޝަރީއާ ގާއިމް ކުރުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލާ ޕާޓީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް