ރައީސްގެ އެދިވަޑައިގަތުމަށް ދިވެހިންނަށް ޓިކެޓު ވިއްކާ އަގު ހެޔޮކޮށްދީފި

މާދަމާރޭ ސްރީލަންކާގައި ފަށާ މަހިންދްރަ ރާޖަޕަކްސަ ޓްރޮފީ ފުޓްބޯޅަ މުބާރާތުގައި ދިވެހިންނަށް ޓިކެޓު ވިއްކާ އަގު ހެޔޮކޮށްފި އެވެ. މުބާރާތް ފެށުމުގެ ގޮތުން މާދަމާ ރޭ ބައްދަލު ކުރަނީ ރާއްޖެ އާއި ލަންކާގެ...

07 Nov 2021 | 10:10

މާދަމާރޭ ސްރީލަންކާގައި ފަށާ މަހިންދްރަ ރާޖަޕަކްސަ ޓްރޮފީ ފުޓްބޯޅަ މުބާރާތުގައި ދިވެހިންނަށް ޓިކެޓު ވިއްކާ އަގު ހެޔޮކޮށްފި އެވެ.

މުބާރާތް ފެށުމުގެ ގޮތުން މާދަމާ ރޭ ބައްދަލު ކުރަނީ ރާއްޖެ އާއި ލަންކާގެ ގައުމީ ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ލަންކާ ގަޑިން ރޭގަނޑު8:00 ގައި އެވެ އެއީ ރާއްޖޭ ގަޑިން7:30 ގައި އެވެ.

މިއަދު3:00 ގައި މާދަމާރޭގެ ޓިކެޓު ވިއްކަން ފަށާފައިވާއިރު ހެނދުނާއި ހިސާބަށް އޮތް ކަނބޮޑުވުމަކީ ދިވެހިންނަށް ޓިކެޓު ވިއްކާ އަގު ބޮޑުވުމެވެ. ސްރީލަންކާގެ ފުޓްބޯލް އެސޯސިއޭޝަން ކަމަށްވާ ފުޓްބޯލް ސްރީލަންކާއިން ނިންމާފައިވަނީ ދިވެހިންނަށް5،000 ރުފީސްއަށް ލަންކާ ސަޕޯޓަރުންނަށް200 ރުޕީސް އަށް ޓިކެޓު ވިއްކާށެވެ.

މިއަދު މެންދުރު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އަގު މިހާރު ހެޔޮކޮށްފައިވާ ކަމަށެވެ. މިހާރު ދިވެހިންނަށް ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ3،000 ސްރީލަންކަން ރުޕީސް (15 އެމެރިކާ ޑޮލަރު) އަށް ކަމަށް ވިދާޅުވި އެވެ.

ދިވެހިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮ ކުރުމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޖަސްވާރް އުމަރު އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ދިވެހި ސަޕޯޓަރުން ތިބެން ހަމަޖައްސާފައި ވަނީ މުބާރާތް ކުޅޭ ރޭސް ކޯޒް ސްޓޭޑިއަމްގެ އެހެން ބްލޮކެއް ކަމަށެވެ.

https://twitter.com/AhmedMahloof/status/1457254880293257218

ދިވެހިންނަށް ޓިކެޓު ވިއްކަން ހަމަޖައްސާފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުން ކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެ އެވެ.

ދިވެހި ޓީމަށް ސަޕޯޓު ކުރުމަށް ލަންކާގައި ދިރިއުޅޭ ދިވެހިން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޖޯޒީ ތައްޔާރު ކުރުމާއި ދަނޑަށް މީހުން ގެންދިއުމަށް ބަސް ހަމަޖެއްސުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް